މާލޭގެ މަގުތައް ތަރައްޤީ ކުރާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. މުއްޠަލިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ ތާރުއަޅައިގެން މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ އެހީދިން ޗައިނާގެ އެޖެންސީގެ ފަރާތުންކަމަށެވެ. އަދި މަޝްރޫޢުގެ ޑިޒައިނިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓާގެޓަކީ މިއަހަރު ފަހުކޮޅު ޢަމަލީ މަސައްކަތް ފެށުން. ކުރިއަށްއޮތް ތިން ހަތަރު އަހަރުތެރޭ މާލެ އަދި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތާރު އަޅާ ރަނގަޅު ފެންވަރަށް ތަރައްޤީކުރާނަން." ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢޫގެ ތެރެއިން ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރަށްވައިގެން މާލޭގެ ފެނާއި ނަރުދަމާގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރަށްވާނެ ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރެއްވީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓްގައެވެ.

ޗައިނާގެ ހިލޭ އެހީ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތް ހާމަކުރަށްވައި މާލޭ މޭޔަރު ހުވާކުރުމަށް ބޭއްވެވި ޙަފްލާގައި ރައީސް މުޢިއްޒު ވިދާޅުވީ، އެ އެހީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރާނީ މާލޭގެ މަގުތައް ހެދުމަށް ކަމަށެވެ. އަދި ދެން އެންމެ ބޮޑު ބައެއް ހޭދަކުރާނީ ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން