ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
ރައީސް ނަޝީދަށް ދިން ހަމަލާގެ އިތުރު މައުލޫމާތު އެބަހުރިކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޣައްސާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ދިފާއީ ވުޒާރާއަށާއި ދިވެހި އަސްކަރިއްޔާއަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މަޖިލީހުން އެދިވަޑައިގެންފިނަމަ އެ މަޢުލޫމާތު ޙިއްސާކުރަށްވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

“ތިމައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާނަން. އަޅުގަނޑަށް މިހާރު ފެނިފައިހުރި ކަންތައްތަކުގައި، މައުލޫމާތު މި މަޖިލީހަށް އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި. އެހެން ނަމަވެސް އެ މައުލޫމާތު ހިއްސާކުރެވޭނީ ތިޔަ ބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،” ޣައްސާން މިއަދު ވިދާޅުވި އެވެ.

މިނިސްޓަރ ޣައްސާން ވިދާޅުވީ، ގާނޫނީ ގޮތުން ރައީސް ނަޝީދަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެމްއެންޑީއެފުން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ 8:32 ގައި މާލޭ ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއްލިބި ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނު އުޅުއްވާފައިވެއެވެ.

ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ މެއި 6 ގެ އައިއީޑީ ގޮއްވާލި އަދުހަމަށް 23 އަހަރާއި 6 މަހާއި ނުވަ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން