އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު
އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައިކޯޓަށް ހުށައެޅުއްވި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރަރ ނިންމަވައިފިއެވެ.

އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި ރަޝީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ.

އޭގެފަހުން އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް މެންބަރު ރަޝީދު ހައިކޯޓަށް މައްސަލަ ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނެސްފައިވާތީ އިންތިޚާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ބުނެ އެވެ.

ހައިކޯޓަށް މައްސަލަ ހުށައެޅުއްވުމުގެ ކުރިން މެންބަރު ރަޝީދު ވަނީ އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް އެދި އިލެކްޝަނަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް ނިމިފައިވާތީ އަލުން ލިސްޓުގައި ރަޝީދުގެ ނަން ނުހިމެނުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި ހައިކޯޓުގެ ރެޖިސްޓްރާ ނިންމެވީ ރަޝީދު ހުށަހެޅި މައްސަލަ އެ ކޯޓަށް ބެލިދާނެކަމަށް ނުފެންނަ ކަމަށެވެ. ސަބަބަކީ އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން، ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށްކަމަށް ވާތީ އެވެ.

ޑިމޮކްރެޓްސްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށައެޅުއްވުމަށްފަހު އަޙްމަދު ރަޝީދު ނަން އަނބުރާ ނަންގަވާފައިވަނީ ރޯދަ މަހު އިންތިހާބު ބޭއްވުމަށް އީސީން ނިންމުމުން ކަމަށްވެއެވެ. ނަމަވެސް އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނައި އިސްލާޙާއެކު އީސީން މިހާރު ނިންމާފައިވަނީ އޭޕްރީލް 21 ގައި އިންތިޚާބު ބޭއްވުމަށެވެ.

އަޙްމަދު ރަޝީދު ނަން ނެންގެވުމުން ހިތަދޫ މެދު ދާއިރާއަށް މިހާރު ވާދަކުރާ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޝުއާއުއާއި، ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަޒާން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން