ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުނަށް ލިބިފައިވެއެވެ. މިއީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުނަށްވުރެ 1859 މީހުން އިތުރު ޢަދަދެކެވެ.

އޭގެ ތެރޭގައި ހިމެނެނީ 139361 އަންހެނުންނާއި 145302 ފިރިހެނުންނެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 21 ވާ އާދިއްތަދުވަހުގެ ހެނދުނު 08:00 ފެށިގެން 16:00 ގެ ނިޔަލަށެވެ.

ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކުން ޖުމްލަ 369 ކެނޑިޑޭޓުން ވާދަކުރާނެއެވެ. މިފަހަރުގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުގައި 319 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އެއް ރަށެއްގައި އެންމެ ގިނަ ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓަނީ މާލޭގައެވެ. އެގޮތުން މާލޭގައި 181 ވޯޓު ފޮށި ބަހައްޓާއިރު ހުޅުމާލޭގައި 51 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާނެއެވެ.

އީސީން ބުނީ ރިސޯޓްތަކުގައި 34 ވޯޓު ފޮށި ބަހައްޓާއިރު، ޖަލު ތަކުގައި 5 ވޯޓު ފޮށްޓާއި ރާއްޖެއިން ބޭރުގައި 3 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. މި އިންތިހާބުގައި ސިނާއީ އެއްވެސް ރަށެއްގައި ވޯޓު ފޮށި ނުބަހައްޓާގޮތަށް އީސީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން