ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް
ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ހުއްޓާލި މައްސަލަ އޭސީސީއަށް ހުށައަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.

ޙަލީމް މިމޭރުމުން ވިދާޅުވީ، މަގޫދޫ އެއާޕޯޓުގެ 70 އިންސައްްތަ ނިމިފައިވަނިކޮށް އެ މަޝްރޫއު ހުއްޓާލުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅި ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައްސަލައިގެ ބަހުސްގައި މަގޫދޫ ހިމެނޭ ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް ހަލީމް ވިދާޅުވީ، ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތަކަކީ އަމިއްލަ އާއިލީ މަންފާއަށް ނުވަތަ ސިޔާސީ މަންފާއަށް ބޭނުން ކުރެވޭނެ ބާރުތަކެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ އޭސީސީ އަށް ހުށައަޅުއްވާނެ ކަމަށް ޙަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ފ. ނިލަންދޫގައި އެއަރޕޯޓެއް އެޅުމަކީ މައްސަލައެއް ނޫންކަން ފާހަގަ ކުރަށްވަމުން ޙަލީމް ވިދާޅުވީ، ނިލަންދޫ އެއަރޕޯޓް އެޅުމަށްޓަކައި މަގޫދޫގެ އެއަރޕޯޓްގެ މަސައްކަތް ހުއްޓާލުމަކީ އިގްތިޞާދީ ގޮތުންނާއި އިޖުތިމާއި ގޮތުން ދިވެހި ދައުލަތާއި ދިވެހިރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާފައިވާއިރު މަގޫދޫގެ ރައްޔިތުން ވަނީ އެއާޕޯޓް މަސައްކަތް އަލުން ފަށަންދެން ކޮންމެ ރެއަކު އިޙްތިޖާޖު ކުރުމަށް ނިންމާފައެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން މަގޫދޫގައި ފެށި އެއަރޕޯޓްގެ މަސައްކަތް ހުއްޓުނީ ސިޔާސީ ގޮތުން ބަޔަކު ނުފޫޒު ފޯރުވައިގެން ކަމަށް އެ އިޙްތިޖާޖުތަކުގައި ރަށުކައުންސިލްގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މަގޫދޫ އެއަރޕޯޓް ނިލަންދުއަށް ބަދަލުކުރި ކަމަށް އެމްޑީޕީން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެ ކުންފުނީގެ ޕްރޮޖެކްޓް ލިސްޓްގައި އަދިވެސް ހިމެނޭ ކަމަށެވެ.

މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ރައީސް ޞާލިޙް އޭރު ވިދާޅުވެފައިވަނީ މަގޫދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއަރޕޯޓަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން