ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތަކުން އިސްތިޢުފާ ދޭންޖެހޭ "އެންޓި-ޑިފެކްޝަން ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. އެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީން ބިލު ފާސްކޮށްފައި ވަނީ، އިންތިޚާބުވީ ޕާޓީ ބަދަލު ކުރުމުން ނުވަތަ އިންތިޚާބުވީ ޕާޓީން ވަކިވެއްޖެނަމަ މަޖިލިސް މެމްބަރު ކަމުން 7 ދުވަސް ތެރޭގައި އިސްތިޢުފާ ދޭންޖެހޭގޮތަށް ބިލަށް ބަދަލު ގެނައުމަށް ފަހުގައެވެ.

ކޮމެޓީން ގެނައި ބަދަލުތަކާއެކު މަޖިލީހުން ބިލު ފާސްކުރީ 33 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

ކޮމިޓީން ވަނީ ބިލަށް ތިން އިސްލާހެއް ގެނެސްފައެވެ. އެގޮތުން، ރިކޯލް ވޯޓާ ގުޅޭ ބާބު އުނިކޮށް، އަރިމަތީ ސުރުހީގައިވާ 'މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތު' ގެ ބަދަލުގައި 'މެމްބަރު ކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތަށް' ބަދަލުކޮށް، މެމްބަރު ޕާޓީން ވަކިކުރާނަމަ އަމަލު ކުރަންވީ ގޮތް ވަނީ ބަދަލު ކޮށްފައެވެ.

އޭގެއިތުރުން މެންބަރަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދީފައިވާއިރު ރީކޯލް ވޯޓު ނަގާ ގޮތަށް ބިލު ހުށަހެޅިއިރު އޮތް މާއްދާ ވަނީ އެއްކޮށް އުނިކޮށްފައެވެ.

ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ބިލު" މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންގެ މައްޗަށްވެސް ތަންފީޒު ކުރެވޭނެއެވެ.

"އެންޓި-ޑިފެކްޝަން ބިލު" މަޖިލީހުން އަލުން ފާސްކޮށްފައިވާއިރު 18 ވަނަ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަމުން ދިޔަ "އެންޓި ޑިފެކްޝަން ޤާނޫނު" 19 ވަނަ މަޖިލީހުން ވަނީ އުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން