ޕީޕަލްސް ނެޝަނަލް ފްރަންޓް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގެ ހުއްދަ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް ދީފައި ނުވާނެކަމަށް ކަރެކްޝަން ސަރވިސް އިން ހާމަކޮށްފިއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީނީ ބުރާސްފަތި ދުވަހުއެވެ. އެޕާޓީ އުފެއްދުމަށް ޖަލްސާ މާދަމާރޭ ބާއްވާނެކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރަށްވާ ކުރީގެ ޓެލެކޮމް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މާދަމާ ރޭ 8 ޖަހާއިރު ޣިޔާސުއްދީން ސްކޫލްގައި އޮންނާނެ ކަމަށާއި އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަަޑައިގަންނަވާނެ ކަމަށެވެ.

އެކަމާގުޅިގެން ކަރެކްޝަނުން ބުނެފައިވަނީ ޖަލްސާގައި ބައިވެރިވުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޮންލައިންކޮށްވެސް އަދި ޖަލްސާ ބާއްވާތަނަށް ޙާޟިރުވެގެން ވިޔަސް އެޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ރައީސް ޔާމީނަށް ދީފައި ނުވާނެ ކަމަށް ކަރެކްޝަނުން މަޢުލޫމާތުދެއެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމުން އެ މަސައްކަތްކުރުމަށް އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީނެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ބަންދަށް ލުއިދީ، މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން