މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ވެށީގައި އުޅޭ ނުވަތަ ކުށަށް އަރައިގަންނަ ކުދިންނަށް ދޭންޖެހޭ ރިހެބިލިޓޭޝަން އަދި ސައިކޮލޯޖިކަލް ފަރުވާ މަރުކަޒުކޮށްގެން ދެވެނީ 15 އަހަރު ވުމުން ކޯޓު ހުކުމެއްގެ ދަށުން ކަމަށް ހޯމް މިނިސްޓަރ އިޙްސާން ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ދެ ކުޑަކުދިން އެހެން ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން އިޙްސާން މިއަދު ވިދާޅުވީ ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ އަދި ކުށަށް އަރައިގަންނަ 12، 13 އަދި 14 އަހަރުގެ ކުދިން ނިސްބަތުން ވަރަށްގިނަ ކަމަށެވެ. މީގެތެރެއިން ގިނަކުދިންނަކީ ހަރުދަނާ ބެލެހެޓުންތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްނުދެވޭ އާއިލާތަކުގެ ކުދިންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކުދިން މުޖުތަމައުގައި ބައިތިއްބައިގެން ނުވަތަ އާއިލާ ކައިރީގައި ބައިތިއްބައިގެން ރިހެބިލިޓޭޓްކުރުމަކީ އެހާ ކާމިޔާބުކޮށް ކުރެވޭކަމެއް ކަމަކަށް ތަފާސްހިސާބުތަކުން ނުދައްކާ ކަމަށެވެ.

“ނަތީޖާއަކީ މިފަދަކުދިންގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެ އެކުދިން ކުށްވެރިންނަށް ވެގެން ދިއުން. އަދި އެތަކެއް މައުސޫމު ކުދިންނާއި މުޅި މުޖުތަމަޢުއަށް މީގެ ނޭދެވޭ ގިނަ އަސަރުތަކެއް ކުރުން. ސަރުކާރުގެ ނިންމުމަކީ ޤާނޫނުގައި ބަޔާންކުރާ 15 އަހަރުގެ ލިމިޓް 12 އަހަރަށް ދަށް ކުރުން.” އިޙްސާން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ކުއްޖަކު ކުށުގެ މާހައުލަށް ހުށެހެޅި ކުށްވެރިއަކަށް ނުވަނީސް އެކުއްޖާ ކޯޓުއަމުރެއްގެދަށުން މަރުކަޒަކަށް ގެންދެވި ރިހެބިލިޓޭޓް ކުރެވި މުޖުތަމަޢުއަށް ބޭނުންތެރި ޒުވާނަކަށް ހެދޭނެ. ކަމަށެވެ ހަމައެއާއެކު މިވަގުތު ކުށަށް އަރައިގަންނަ މި ދެންނެވި އުމުރުގެ ކުދިން ސަލާމަތް ކުރެވި، ހިތްވަރުގަދަ، ކެރޭ، ޤައުމަށް ފައިދާހުރި ޒުވާނުންނަށް ބަދަލުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“މިކަން ކުރާނީ، ދީނީ ތައުލީމާއި ތަރުބިއްޔަތު، ފިޒިކަލް ފިޓްނެސް، ރަސްމީ ތަޢުލީމު، ކޮމްޕެޓިިޓިވް ސްޕޯރޓްސް، މަސައްކަތްތެރިކަން، ޤައުމިއްޔަތު، ޕާރސަނަލައިޒްޑް ސައިކޯސޯޝަލް އިންޓަރވެނޝަން، ލީޑަރޝިޕް އަދި ޓީމް ބިލްޑިންގ ހިމެނޭ ރެޖިމެންޓެޑް ސިސްޓަމެއްގެ ތެރެއިން. މީގެ ތެރެއިން ދިގުމުއްދަތަށް މަރުކަޒަށް ގެންދެވޭ ކުދިން 18 އަހަރުވުމުން ސިފައިންގެ އަދިި ފުލުހުންގެ މުއައްސަސާގެ ޚިދުމަތަށް 3 ނުވަތަ 5 އަހަރުގެ މުއްދަތަށް ނެރެވޭނެ.” ވަޒީރު އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ދިގުމުއްދަތަށް އަދި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރުމަށްޓަކައި ސަރުކާރުގެ ވިސްނުމަކީ މިކަމަށް ޚާއްސަ ރަށެއް “ހޯޕް އައިލެންޑް ކަނޑައަޅައި ތަރައްގީކޮށް މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ. އަދި އެރަށުގައި ޗުއްޓީ ދުވަސްވަރު އެކުދިންގެ އާއިލާ ތަކަށް ޒިޔާރަތްކުރެވި އާއިލާއާއި އެކު ގުޅުންބަދަހި ކުރެވޭނެ ފެސިލިޓީތައް ޤާމުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ ގާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަކީ 15 އަހަރު ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އޭގެ މާނައަކީ އެޢުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށާއި ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަހުރި ކަމަށާއި އެކަމާބެހޭ ގަވާއިދުވެސް އެބަ އޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އުދުހޭކޮކާ

08-Apr-2024

ތިޔަކަން ހައްލު ކުރުމަށް ކޮންމެ ސްކޫލެއްގައި މުރުޝިދުލް އަޚުލާޤަކު ނުވަތަ ޑިސިޕްލިންގ ސްޕަވައިޒަރަކު ބަހައްޓަވާ.. އެއްވެސް ސްކޫލަކަށް ކުޑައި މީސް ކުރާކަށް ނޫން ނަމޫނާއަކަށް އަޙުމަދިއްޔާ ބައްލަވާ..އެސްކޫލުގައި އަބަދުވެސް ޕްރިންސިޕަލްގެ ބެއްލެވުމުގެ ދަށުގައި ޑިސިޕްލިން ބަލަހައްޓަވާ ސްޕަވައިޒަރެއް ހުންނާނެ. ބަރާބަރަށް ސްކޫލުގެ ޤަވާޢިދު ތަންފީޒު ކުރާނެ..ނަތީޖާ ވަރަށް ފޮނި...ކިޔެވުން ވެސް ރަނގަޅު ވަނީ އަޚުލާޤު ބެލެހެއްޓޭތީ..މެމްބަރެއް މިނިސްޓަރެއް އާންމު މީހެއްގެ ދަރިއަކު ތަފާތެއް ނުކުރާނެ..މިހެން ދަންނަވާއިރު ވެސް އަޅުގަނޑަށް އެނގޭ މުޖުތަމަޢު އަށް ކޮށްފައިވާނޭދެވޭ އަސަރު އެސްކޫލުންވެސް ފެނިދާނެ ކަން.އެހެން ނަމަވެސް އެއީ ނަމޫނާސްކޫލެއް.ވިސްނަވާ.އަންނަން އޮތް ޖީލު ސަލާމަތް ކުރައްވާ...



ޓްރެންޑިން