ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި
ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި
ކުޅުދުއްފުށީ ގޭބިސީތަކަށް މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކައިން ބުނީ މިފަދަ ލުޔެއް އެރަށުގެ ރައްޔިތުންނަށް ދިނުމަށް ނިންމީ މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން ކަމަށެވެ.

ކުޅުދުއްފުށީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ ސިޓީއަށް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

"ހދ. ކުޅުދުށްފުށީ ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ލިބުމުގައި މި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ." ފެނަކައިގެ ބަޔާނުގައިވެއެވެ.

ފެނަކައިން އިތުރަށް ބުނީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ރަމަޟާންމަހު ކުރިމަތިވި ތަކުލީފުތަކުގެ ސަބަބުން އެކަމުގެ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން އެ ސިޓީގެ ރައްޔިތުންނަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމީ ކަމަށެވެ.

މީގެ އިތުރުން، ފާއިތުވި ފަސް އަހަރު ރަށްރަށުގެ އިންޖީނުގެތަކަށް ބޮޑެތި އިހުމާލުތަކެއް ވެފައިވުމުން ރާއްޖެގެ އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ސަރުކާރުން ދަނީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މުޅިން އައު ޖެންސެޓްތައް ރަށްރަށަށް ފޮނުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން