ބިންވެރިޔާ ސްކީމުގެ ދަށުން ބިން ނުހިއްކާ ތަންތަނުން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްޓަކައި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރުގެ ނަންފުޅުގައި ލިޔުމެއް ދީފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރާނެކަމުގެ ޔަގީންކަން ދިނުމަށް ޑރ. ހައިދަރުގެ ނަމުގައި ލިޔުމެއް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ބިން ލިބުނު ފަރާތްތަކަށް ދޫކޮށްފައިވާ ލިޔުން ހިޔާވަހި ޕޯޓަލް އިން ފެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކުރީ ސަރުކާރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަމުން އެތަންތަން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

އޭގެއިތުރުން ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ކުރިން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 1347 ގޯއްޗެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަފޫޓުގެ 487 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

ހަމައެއާއެކު ރައީސް ޑރ. މުއިއްޒު ވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ އެންމެނަށްވެސް ރަޖިސްޓްރީ ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މި ސަރުކާރުން ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ތަނަކުން ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި އެމީސްމީހުން ރަސްމާލެއަށް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރު އިޢުލާންކޮށް ފޯމު ހުށައެޅި ފަރާތްތަކުގެ ލިސްޓުވެސް އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ވަނީ ގެޒެޓްކޮށް އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން