ކުރިއަށް އޮތް ހަފްތާގައި 1.2 މެގަވޮޓްގެ އިތުރު ޖެންސެޓެއް ކުޅުދުއްފުއްޓަށް ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން ފެނަކައިން ދަނީ އެ މައްސަލައަށް ޙައްލު ހޯއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާރު އެސިޓީއަށް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް ގެނައި ޖެން ސެޓް ބަހައްޓާނެ ޖާގަ ނެގުމުން އެކަމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފެނަކައިގެ އެމްޑީ މުއާޒު ވަނީ ވިދާޅުވެފައެވެ.

“އެހެންވީމަ ސިވިލް ވޯކްތަކެއްކޮށްގެން އިންޖީނު ބެހެއްޓެނީ. ކުރިއަށް އޮތް ހަފްތާގައި 1.2 މެގަވޮޓްގެ އިތުރު އިންޖީނެއް ގެންނާނަން. ދެ ސެޓް ބޭނުންކުރަން ފެށީމަ ރަނގަޅު ޙައްލު އަންނާނެ.” ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މުއާޒް ވިދާޅުވިއެވެ.

ފެނަކައިން މިހާރު ނިންމާފައިވަނީ، ކަރަންޓު ނެތުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ރަމަޟާންމަހު ކުރިމަތިވި ތަކުލީފުތަކުގެ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން އެ ސިޓީގެ ރައްޔިތުންނަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށެވެ.

މީގެ އިތުރުން، ފާއިތުވި ފަސް އަހަރު ރަށްރަށުގެ އިންޖީނުގެތަކަށް ބޮޑެތި އިހުމާލުތަކެއް ވެފައިވުމުން ރާއްޖެގެ އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

މި ސަރުކާރުން ދަނީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މުޅިން އައު ޖެންސެޓްތައް ރަށްރަށަށް ފޮނުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން