ހަނިމާދޫ އެއަރޕޯޓުގެ ރަންވޭ މަހެއްހާ ދުވަހުން ނިމޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ނިންމާ ބޭނުންކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހު 28 ވަނަ ދުވަހުއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 1400 މީޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތް މުޅިން ނިންމާފައިވާ ކަމަށެވެ.

އަދި ބާކީއޮތް 600 މީޓަރުގެ ސަރަޙައްދުގައި މިހާރު ކުރަމުންދަނީ އެންމެ ފަހުގެ ތާރު ފަށަލަތަށް އެޅުމުގެ މަސައްކަތްކަމަށް މުބީން ވިދާޅުވިއެވެ.



މުބީން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ މިހާރުގެ ރަންވޭއަކީ 150 މީހުންގެ އެއަރކްރާފްޓްތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއްކަމަށެވެ. ނަމަވެސް ރަންވޭ ބޮޑުކުރުމުން 250-300 މީހުން އުފުލޭ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭނެ ކަމަށް މުބީން ވިދާޅުވިއެވެ.

“މަހެއްހާ ދުވަހުން މުޅި މަޝްރޫޢު ނިމޭނެ. އޭރުން 2400 މީޓަރުގެ ރަންވޭއެއް ލިބިގެންދާނެ.” މުބީން ވިދާޅުވެފައި ވެއެވެ.

ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރާނެއެވެ. މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ.

މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން