ޕާޓީއަށް ނިސްބަތްވާ ވަކިވަކި ފަރުދުންގެ ހިޔާލަކީ ޕާޓީގެ ސިޔާސަތު ނޫންކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ، ޅ. ހިންނަވަރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރާ މުޙައްމަދު އަބްދުއްރަހުމާންގެ ކެމްޕޭން ޖަލްސާއެއްގައި ޅ. ފެލިވަރުގައި ހިންގާ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލް ކުރުމުގެ ބާރު ޕީއެންސީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓަށް ދޭން ޖެހޭ ކަމަށް އެ ޖަލްސާގައި ވާހަކަދެއްކެވި މީހަކު ބުނުމާގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ނެރުނު ބަޔާނެއްގައެވެ.

ޕީޕީއެމް ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވަކި ފަރުދަކު ފާޅުކުރާ ސިޔާސަތަކީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަ ކަމާއެކު ސިޔާސީ ހަރަކާތް ކުރިޔަށް ގެންދިއުމާއި، އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށެވެ.

އަދި ފިކުރަށް ބަލައި، މީހުން ވަޒީފާތަކުން ވަކިކޮށް، ސިޔާސީ ގޮތުން ބިރުދައްކައި ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ސަރުކާރުތަކުން ހައްޔަރު ކުރަމުންދިޔަ ގޮތް ތަކުރާރު ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތު ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރައްޔިތުންގެ ލޯބި ހޯދާނީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން ކަމަށް ވެސް ބުނެފައިވެއެވެ.

ހިންނަވަރު ޖަލްސާގައި މީހަކު ދެއްކި އެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެފައެވެ. އަދި އެކަން އިލެކްޝަންސް ކޮމިޝަނުން ބަލައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން