ވެރިއަކަށް ހުންނަ މީހަކަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވީ ޒަކާތު ހައުސް އުފައްދައި އެތަނަށް ވަކިން ވެރިން ހަމަޖެއްސުމުގެ ބޭނުމަކީ ތަން ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ހިނގާނެ ގޮތްތަކެއް ހޯދުން ކަމަށެވެ.

އަދި ޒަކާތު ހައުސްއިން ވައްކަން ނުކުރެވޭނެ ކަމަށާއި އެތަނުގެ އުސޫލުތައް ހަމަޖެހިފައިވަނީ އެއަށްވުރެ ހަރުދަނާކޮށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިނިސްޓަރަކަށް ހުންނަ މީހަކަށް، އޮފީހުގެ ވެރިއަކަށް ހުންނަ މީހަކަށް ޒަކާތަކުންނެއް ވައްކަމެއް ނުކުރެވޭނެ. އެއީ އެއްވެސް އިރެއްގަ ކުރެވޭ ކަމެއް ނޫން. އަދި އަމުދުން މިހާރު ނުކުރެވޭނެ." ވަޒީރު ވިދާޅުވި އެވެ.

ޝަހީމް މިއަދު އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް 1 ލައްކަ ޑޮލަރު ޒަކާތު ހައުސްއިން ފޮނުވުމަށް ގަތަރުގެ ރެޑް ކްރެސެންޓާއިއެކު މިހާރު މަޝްވަރާ ކުރަމުން ދާކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ ފައިސާ ޓްރާންސްފާ ކުރުމުގެ މަރުހަލާކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭގެއިތުރުން ރާއްޖޭގެ ތިން ސަރަހައްދަކަށް މިހާރުވެސް ޒަކާތު ހައުސްއިން ދަތުރުކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި އެހެން ސަރަހައްދުތަކަށްވެސް އެ އިދާރާއިން ދަތުރު ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން