ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކައިރި މުސްތަޤްބަލެއްގައި އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަވާސާގައި އޭޝިއާ ނިއުސް އިންޓަނޭޝަނަލް އަށް ދެއްވި ބަސްދީގަތުމެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ އިންޑިއާ ސަރުކާރާއެކު ބޭއްވެވި މަޝްވަރާތަކުގައި ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިންޑިއާއަށް ޒިޔާރަތް ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖޭން އެންމެ އިސްކަމެއް ދެނީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާއަށް ބަދުބަސް ރައްދުކޮށްފައިވާ މައްސަލާގައި އެއީ ސަރުކާރުގެ ރަސްމީބަސް ނޫންކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށާއި އިންޑިއާގެ ފަތުރުވެރިންވެސް ކުރިއެކޭ އެއްގޮތަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ޒަމީރުވަނީ އެދިވަޑައިގެންފައެވެ.

"އެކަން ހިނގައި ދިޔަ ގޮތް މިހާރު ވަނީ ސާފުވެފައި އަދި ކުރިން ހިނގިކަންކަން މިހާރު އޮބިއްޖެ." މިނިސްޓަރު ވިދާޅުވި އެވެ.

މި ބަސްދީގަތުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުވަނީ ރާއްޖެއާއި ޗައިނާ އާ ދެޤައުމުގެ ދެމެދުގައި ބަދަހިވެފައިވާ ގުޅުމާ މެދުވެސް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރާއްޖޭން ޗައިނާއާއެކު އަސްކަރީ އެއްބަސްވުމެއް ނެތްކަމަށާއި ޗައިނާގެ ސަރވޭ އުޅަނދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރާސާއެއް ކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށްވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާ އަށް ވަޑައިގެންނެވީ މިމަހުގެ 8 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން