ވެލިދޫ ކުނިކޮށި ޢިމާރާތުގައި ރޯވެ ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާއަށް އަރާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ވެލިދޫ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެލިދޫގައި ބިނާކޮށްފައިވާ 13،000 އަކަފޫޓުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި އިއްޔެ 12:00 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ މެންދުރު 14:30 ހާއިރު ކަމަށެވެ.

އެގޮތުން އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވެފައިވަނީ އިމާރާތުގެ ކުނިބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެންކަމަށް ލަފާކުރެވޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

“މި ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާ އަށް އަރާނެކަމަށް ލަފާ ކުރެވޭ.” ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

ވެލިދޫ ކައުންސިލުން ބުނީ މިހާދިސާގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑުބަޔަކާއި އެތަނުގައި ބޭނުންކުރުމަށް ބެހެއްޓިފައިހުރި މެޝިނަރީތަކާއި ފުޓުބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށެވެ.

މިޙާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ ހާދިސާގެ މަޢުލޫމާތު އިއްޔެ 12:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ލިބުމާ ގުޅިގެން ވެލިދޫއަށްގޮސް ކުރި މަސައްކަތުން އިއްޔެ 15:15 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، 17:00 ހާއިރު ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން