މިދިޔަ ހަފްތާގައި އެކަނިވެސް 2،581 ޕާސްޕޯޓު ހައްދައިދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ފާތިމަތު ލަތީފާ ވިދާޅުވީ ސްކޫލް ޗުއްޓީއާ ގުޅިގެން ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ އަދަދު އިތުރުވެ، ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހެދުމަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިމިގްރޭޝަންގެ އޮފީސްތަކުން ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 2،581 މީހަކަށް ޕާސްޕޯޓު ދޫކުރެވިފައިވާ ކަމަށް ލަތީފާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ވަނީ ދަތުރުކުރައްވާ ފަރާތްތަކުން އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކުރައްވާ ޕާސްޕޯޓު ހެއްދެވުމަށް އިލްތިމާސް ކޮށްފައެވެ.

ހަމައެއާއެކު ދަތުރުފަތުރުކޮށް އުޅުމުގައި ދިމާވެދާނެ ދަތިތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން، ޕާސްޕޯޓުގެ މުއްދަތު ހަމަވާން 6 މަސްދުވަހަށް ވުމުން ވީހާވެސް އަވަހަކަށް ޕާސްޕޯޓް އާކުރުމަށްވެސް އިމިގްރޭޝަނުން އެދިފައިވެއެވެ.

ހަފްތާއެއްގެ ތެރޭގައި 2500 އަށްވުރެ ގިނަ ޕާސްޕޯޓް ހަދައިދީފައިވާއިރު އެކި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޕާސްޕޯޓްގެ ހިދުމަތްތައް ކޮންމެ އަތޮޅަކުން ލިބޭނެގޮތް މިހާރުވަނީ ހަމަޖައްސާފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިމިގްރޭޝަނުންވަނީ ކުއްލި ހާލަތްތަކުގައި ސީދާ އިމިގްރޭޝަނުން ޕާސްޕޯޓު ހެއްދުމަށް ފޮޓޯ ނަގައިދީ ޕާސްޕޯޓު ވަގުތުން އަތަށް ލިބޭނެގޮތް ހަމަޖައްސައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން