ކަރަންޓުގެ މައްސަލަ ދިމާވެ ކުޅުދުއްފުށީގެ އެކި ސަރަޙައްދުތަކުން އަނެއްކާވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑަން ފަށައިފިއެވެ.

ކުޅުދުއްފުށި ފެނަކަ ބްރާންޗުން ބުނީ އެ ބްރާންޗުގައި ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން 1 މެގަވޮޓްގެ އިންޖީނެއްގައި މައްސަލަ ޖެހިފައިވާކަމަށެވެ. އެހެންކަމުން މައްސަލަ ހައްލު ކުރެވެންދެން ރަށުގެ އެކި ހިސާބުތަކުން ވަކި ވަގުތު ތަކެއްގައި ކަރަންޓު ކަނޑާނެ ކަމަށް ކުޅުދުއްފުށި ފެނަކަ ބްރާންޗުން ބުނެފައިވެއެވެ.

އިއްޔެއިން ފެށިގެން ކުޅުދުއްފުށި ފެނަކަ އިންޖީނު ގެއިން ދަނީ އެ ދުވަހެއްގައި ކަރަންޓު ކަނޑާނެ ވަގުތުތަކާއި ކަރަންޓު ކަނޑާނެ ސަރަހައްދުތައް އިއުލާން ކުރަމުންނެވެ. އެގޮތުން މިއަދު މެންދުރު 12:00 އިން ފެށިގެން މިރޭ 8:00 އާ ދެމެދު އެކި ސަރަހައްދުތަކުން ދަނީ ގަޑިއިރަކަށް ކަރަންޓު ކަނޑަމުންނެވެ.

މީގެ އިތުރުން ފެނަކައިން ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު މިވަގުތު ވީހާވެސް މަދު ކުރުމަށް އެދޭ ކަމަށް ބުނެފައެވެ.

ކުޅުދުފުއްށި ސިޓީއަށް އަނެއްކާ ވެސް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު، އޭޕްރީލް މަހުގެ ކުރީކޮޅު އެސިޓީގެ ރައްޔިތުން ވަނީ ކަރަންޓު ކެނޑޭ މައްސަލާގައި މުޒާހަރާކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ ރަށަށް ޖަނަރޭޓަރެއް ފޮނުވައި މައްސަލަ ހައްލު ކޮށްފަ އެވެ.

އެކަމާގުޅިގެން ކުޅުދުއްފުށީ ގޭބީސީތަކުގެ އޭޕްރީލްމަހުގެ ކަަރަންޓު ބިލަށް 50 އިންސައްތަ ޑިސްކައުންޓް ދީފައިވާ ކަމަށް އޭރު ފެނަކައިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން