މަރަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަޙްމަދު ދީދީ އެމްޑީޕީގެ ރައީސް ޢަބުދު ﷲ ޝާހިދު އާއި ބައްދަލުކުރަށްވައިފިއެވެ.

އެމްޑީޕީގެ ރައީސް ޢަބުދު ﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަޙްމަދު ދީދީއާއި މިއަދު ބައްދަލުކުރަށްވާފައިވާ ކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު ފުރިހަމަ އަށް އަދާކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތަފްސީލެއް ޝާހިދު ހާމަަކުރަށްވާފައެެއް ނުވެއެވެ.

ސ. މަރަދޫ އާޒާދުގޭ އަޙްމަދު ދީދީ އަކީ މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެެވެ. އޭނާއަކީ އެމްޑީޕީ ފެށުނީއްސުރެ އެ ޕާޓީގައި ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. އެގޮތުން 2004 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީން ބޭއްވި މުޒާހަރާތަކާއި ރެލީތަކާއި އެކިއެކި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި އަޙްމަދު ދީދީ ވަނީ އިސްސަފުގައި މަސައްކަތް ކުރަށްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރަށްވާފައިވާ ޝާހިދު ގެންދަވަނީ އަލަށް އިންތިހާބުވި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަކިވަކިން ބައްދަލު ކުރަށްވައި މަޝްވަރާ ކުރަށްވަމުންނެވެެ. މިމަހުގެ 28 ވަނަ ދުވަހު ހުވާކުރާ 20 ވަނަ މަޖިލީހުގައި އެމްޑީޕީ އަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެެ. އެހެން ނަމަވެސް ސަރުކާރުން ޒިންމާދާރު ކޮށް ޖަވާބުދާރީ ކުރުވަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ދީފައެވެ. އަންނަ ރައްޔިތުން މަޖިލީހުގައި 93 މެމްބަރުން ތިއްބަވާއިރު ސަރުކާރުން ހިންގާ މައިޕާޓީ ޕީއެންސީން ވަނީ 66 އަށްވުރެ ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން