ރާއްޖޭގެ ޖުޑީޝަރީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަނު ކުރައްވާފައިވާ މެންބަރު، ކޮމިޝަންގެ ރައީސް ހިސާން ޙުސައިން ކޮށްދެއްވާފައިވާ މަސައްކަތަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

ހިސާންގެ މެންބަރުކަމުގެ ދައުރު ނިމުމަކަށް އައުމާއި ގުޅިގެން މިއަދު މެންދުރު ފަހު ޖުޑިޝަލް ސަރވިސް ކޮމިޝަންގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ މި ނިމިގެންދިއަ ދައުރުގައި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން، ނިމިގެން ދިޔަ ދައުރުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގެ އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމަށް އެކަމަނާ އަދާކޮށްފައިވާ ދައުރާއި ކޮށްދެއްވާފައިވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އެޅުނު އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، ކޯޓުތައް ޓެކްނޮލޮޖީއާ ރައްޓެހި ތަނަކަށް ހެދުމަށް ހިންގި ކޯޓް މޮޑެނައިޒޭޝަން ޕްރޮޖެކްޓްގެ ތެރެއިން އޮންލައިކޮށް ޝަރިއަތްކުރުން ތައާރަފްކުރުމާއި، ޝަރީއަތްތައް މަހުޒަރުކުރުމަށް ކޯޓުތަކުގައި ސްޕީޗް ޓު ޓެކްސްޓް ބޭނުންކުރަން ފެށުމާއި، އިންޓަރގެރޭޓަޑް ކޯޓް މެނޭޖްމަން ސިސްޓަމް ގާއިމުކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ އަޑުއެހުންތައް އިންޓަނެޓުގައި ލައިވްކާސްޓްކުރުން ފަދަ ކަންކަން ތައާރަފު ކުރައްވާފައިވާކަން ފާހަގަ ކުރެއްވިއެވެ.

އަދި އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް އެކަމަނާ ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވައި، 2018 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އަންހެން ފަނޑިޔާރުންގެ އަދަދު ދުއިސައްތަ އިންސައްތަ އިތުރުކުރެވިވާކަމާއި ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުން އިތުރުކުރެވިފައިވާކަން ފާހަގަ ކުރައްވާ އެކަންކަމުގައި ހިސާންގެ ދައުރު އޮތްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ މިހާރު ދެފުއްފެންނަ، ހާމަކަމާއެކު އެކޮމިޝަންގެ މަސައްކަތް ކުރާ އަދި ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ތަނެތްގޮތަށް ފާހަގަ ވެގެން ދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން