ރައީސް ނަޝީދު (މ). ރައީސް ޞާލިޙްގެ އަރިހުގައި
ރައީސް ނަޝީދު (މ). ރައީސް ޞާލިޙްގެ އަރިހުގައި
އެކި ޚިޔާލުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާ ދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ނޫން ކަމަށާއި، އެކި ހިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ސިއްހީދާއިރާގެ ބައެއް ތަޖުރިބާކާރުން މަޖިލީހުގައި ޙިއްސާކުރެއްވުމުން އެއީ، ސަރުކާރަށް ޖެއްސުންކުރުން ކަމަށް ސަރުކާރު ކޯލިޝަންގެ ބައެއް ކުދި ޕާޓިތަކުން ބުނަމުން ގެންދާ ވަގުތެއްގައެވެ.



ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލް ވެފައިވާ ކަމަށާއި، ހެލްތު މިނިސްޓަރ އުޅުއްވަނީ ގަނޑުވަރު ހެއްދެވުމުގައި ކަމަށްބުނެ، ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބައެއް ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހުށައަޅާފައެވެ.

އެގޮތުން ހެލްތް މިނިސްޓްރީގެ ލީޑާޝިޕްގައި ވަރަށް އިސް ދައުރެއް އަދާކުރަންޖެހޭ ގިނަ މަގާމްތަކެއް ހުސްކޮށް އޮތް ކަމަށާއި، ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަދާފައިވާ ޕޮލިސީތަކާއި ގައިޑްލައިން ފޮލޯނުކުރާ ކަމަށާއި އެގްޒެކެޓިވް ލެވެލްގެ ބައްދަލުވުންތައް ނުބޭއްވޭ ކަމާއި ސިޔާސީ ބޭފުޅުންނާ މިނިސްޓަރު މަހަކު އެއް ފަހަރު ވެސް ބައްދަލު ނުކުރައްވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. އަދި މިނިސްޓްރީއަށް ތަކެތި ހޯދުމުގައި އެއްގޮތަކަށް ވެސް ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށާއި ޓެންޑާ ކުރުމާއި އިއުލާން ކުރުން ފަދަ ކަންކަން ކުރާ ތަން ނުފެންނަ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މީގެ އިތުރުން ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސްކުރާ ނެޝަނަލް ގައިޑްލައިން އެއްގޮތަކަށްވެސް ފޮލޯ ނުކުރާ ކަމަށާއި، ޑޮކްޓަރުންނަށް ތަމްރީން ދޭނެ އެއްވެސް މެކޭނިޒަމެއް ނެތުމުގެ އިތުރުން ޑޮކްޓަރުންނަށް ވަޒީފާދީ ވަޒީފާއިން ވަކި ކުރުމުގައި ވެސް ހިތަށް އެރި ގޮތަކަށް އަމަލު ކުރާ ކަމުގެ ޝަކުވާ އެފަރާތްތަކުން ވަނީ މަޖިލީހާ ޙިއްސާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން