ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި 13 މެންބަރުން އަދި އެހެން ކޮމިޓީތަކުގައި 11 މެންބަރުން ހިމަނަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް މިހުށައެޅުއްވުން ހުށައެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި ހިމަނަން ބޭނުންވާ މެންބަރުންގެ ނަންތައް ޕާޓީތަކުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުށައެޅުމަށްވެސް ފަލާގެ ހުށައެޅުމުގައި ވެއެވެ. ފަލާޙުގެ މި ހުށައެޅުން ފާސް ކުރުމަށް މަޖިލީހުގެ 88 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މި ހުށައެޅުން މަޖިލީހުން ފާސްކޮށްފައިވާއިރު މަޖިލީހުގެ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލްވާނެ ގޮތެއް އަދި ފާސްކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ތިއްބަވާނެ ޢަދަދު ފާސްކޮށްފައިވާއިރު ސަރުކާރުން ބޭނުންވާ ގޮތަށް މި މަޖިލީހުގައި ވޯޓު ދެއްވާނެ މެންބަރުންގެ އަދަދު 79 އަށް އަރައެވެ. ރިޔާސަތު ނުހިމަނާ އެއީ 78 އެވެ.

އޭގެ އިތުރުން އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރަކު މަޖިލީހުގައި ތިއްބަވަ އެވެ.

ޕީއެންސީން ނިންމާފައިވަނީ 241 ކޮމިޓީގެ މުޤައްރިރުކަން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް ދިނުމަށެވެ. އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އިންތިޚާބު ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން