ތިލަމާލެ ބްރިޖް މަޝްރޫޢުގެ 38.8 އިންސައްތަ މަސައްކަތް ނިިމިފައިވާ ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއްޠަލިބު ވިދާޅުވީ މިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ބްރިޖް މަޝްރޫޢުގައި ނިންމިފައިވަނީ 27 އިންސައްތަ މަސައްކަތް ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބްރިޖްގެ 9 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި މިހާރު ބްރިޖް މަސައްކަތުގެ 38.8 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް މުޅި ބްރިޖް ޕްރޮޖެކްޓްގެ 38.8 ޕަސެންޓް ނިމިފައިވާއިރު، ތަނބުތައް ޖެހުމަށް ޖަހާ 203 ޕައިލިން މަސައްކަތުގެ ތެރެއިން 63 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވައިލާ ޕްރީ-ކާސްޓް 993 ސެގްމަންޓްގެ ތެރެއިން 373 ސެގްމަންޓްގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ޕްރީ-ކާސްޓް ސެގްމަންޓްގެ 31 އިންސައްތަ މިހާތަނަށް ވަނީ ގުޅާލާފައެވެ.

ވަޒީރު ވިދާޅުވީ ބްރިޖްގެ މަސައްކަތް 2026ގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިޔާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން، 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.

މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރުގެ ތެރޭގައި މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖަކީ ނިމިދިޔަ ރައީސް ސާލިހް ގެ ސަރުކާރުން ފައްޓަވައިގެން ކުރިޔަށް ގެންދަވާ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން