ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢު ސަރުކާރުން ރޭވި ގޮތަށް ކުރިއަށް ނުގެންދެވުނު ކަމަށާއި އެހެންވެ އެ މަަސައްކަތް އެހެން ގޮތްތަކެއް ހޯދައިގެން ކުރިއަށް ގެންދަން މަސަައްކަތް ކުރަމުންދާ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެއަތޮޅު ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ "ރަސްމާލެ" ތަރައްޤީ ކުރާނީ ޒީރޯ ކާރބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއްޠަލިބު ވިދާޅުވީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫޢަށް ބޭނުންވާ ފައިސާ ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މަސައްކަތް އަލުން އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން.” ވަޒީރު ވިދާޅުވިއެވެ.

އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދީގެންނެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަސްމާލެ އަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުމެވެ.

ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ފުށިދިއްގަރު ފަޅުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކާއިރު އެ ތަނުން 60 ހެކްޓަރު ލަންކާގެ ކުންފުންޏަށް ދިގު މުއްދަތަކަށް ލިބޭނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުުގައި އެ ފަޅު ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ ބިން ލިބޭނެ އެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރާނެ އެވެ.

ރަސްމާލެއާ މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ވެސް ސަރުކާރުން ދާދި ފަހުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން