ދިވެހި ބިމުގައި ބޭރު ޤައުމެއްގެ ސިފައިން ޤާއިމްވެ ތިބުމަށް ސަރުކާރުން ދެކޮޅުކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން އިންތިޒާމްކުރި "ޝަންގްރިލާ ޑައިލޮގް 2024″ގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޣައްސާން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަންދެއްވަނީ، ދިވެހިރާއްޖޭގެ އަމިއްލަ ދިފާއީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށާއި ސަލާމަތީގޮތުން ދުނިޔެ ޤަބޫލުކުރާ މިންގަނޑުތައް ރާއްޖޭގެ ސަރަހައްދުގައި ކަށަވަރުކުރުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސުލްހައާއި، ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ދިވެހި ބިމުގައި އެއްވެސް ސިފައެއްގައި ބޭރު ޤައުމެއްގެ ސިފައިން ޤާއިމްވެ ތިބުމަށް ސަރުކާރުން ދެކޮޅުކަމަށް ޣައްސާން ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޤައުމުގައި ދާއިމީ ގޮތަކަށް ބޭރުގެ އަސްކަރީ ބަޔަކު ތިބުމަކަށް ބޭނުމެއް ނުވޭ. އަދި އެކަމެއް ނުވެސްވާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި ނިންމުމަށް އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުން އިހްތިރާމް ކުރުން.” ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ބައިނަލްއަޤްވާމީ ޒިންމާތަކެއް ރާއްޖޭން އުފުލަންޖެހޭ ކަމަށާއި، އެގޮތުން އިންޑިއާ ކަނޑުގައި ވިޔަފާރީގެ ދަތުރުތައްކުރާ ފަރާތްތަކުގެ ރައްކާތެރިކުރުމުގެ ޒިންމާ އުފުލަންޖެހޭ އެއް ޤައުމަކީ ރާއްޖެކަމަށެވެ.

ހަމައެއާއެކު ރާއްޖެފަދަ ކުދި ޤައުމުތަކުން، މިނިވަންކަމުގެ އެންމެ ބޮޑު ޔަގީންކަމެއްގެ ގޮތުގައި ބަލާފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތައް ކަމަށާއި، ނަމަވެސް ބައެއް ޤައުމުތަކުން އެ އަގުކުރުންތައް ދޫކޮށްލުމަކީ ކުދި ޤައުމުތަކުގެ ރައްކާތެރިކަމާއި ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ޣައްސާން ވިދާޅުވިއެވެ. އެހެންކަމުން އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ޤަައުމުތަކުން ހަރުދަނާ ގުޅުންތަކެއް އުފައްދަންޖެހޭކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

އައިއައިއެސްއެސް ޝަންގްރިއްލާ ޑައިލޮގަކީ އޭޝިއާގެ ޕްރިމިއަރ ޑިފެންސް ސަމިޓެކެވެ. އެއީ މި ސަރަޙައްދުގެ ޤައުމުތަކަށް ދިމާވާ ސަލާމަތީ ގޮންޖެހުންތަކާ މެދު ވަޒީރުން ބަހުސްކޮށް، މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން