އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާއަށް ތާވާލުކޮށްފިއެވެ.

މި މައްސަލައަކީ މަޖިލީހުގެ 19 ވަނަ ދައުރުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ބިލެކެވެ.

މި ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި މިވަނީ، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމަވާފައިވަނިކޮށެވެ.

ދައުރު ނިމެނިކޮށް މީކާއީލް ހުށަހެޅުއްވި އެބިލުގައި ބުނެފައިވަނީ ބިލު ހުށަހެޅީ، އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށެވެ.

އިއްޔެ ސަރުކާރުން ބުނެފައިވަނީ، ރައީސްގެ ނިންމެވުމާއިއެކު އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން މަޖިލިސް ތެރެއިން އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މެންބަރު މީކާއީލް ހުށަހެޅުއްވި މައްސަލައަކީ ވެސް ދާދި އެއް މައްސަލައަކަށް ވާތީ އެއް މަގުސަދެއް ހާސިލުވާނަމަ އެ މައްސަލަ ހުށަހެޅީ އިދިކޮޅުންތޯ ނުވަތަ ސަރުކާރު ފަޅިންތޯ ނުބައްލާނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން