މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ މަަފާޢު ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު ޢައްޔަނުކުރަން މިއަދު ފާސްކޮށްފިއެވެ.

ސުޖާއަކީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރެވެ.

މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލްކުރާ މެންބަރަކަށް ސުޖާޢު ޢައްޔަނު ކުރުމަށް ނަން ހުށަހެޅީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.

މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް ސުޖާއު ޢައްޔަނުކުރަން 88 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ކްލެމެންސީ ބޯޑު އެކުލެވިގެން ވަނީ އެޓަރނީ ޖެނެރަލާއެކު ޖުމްލަ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.

އެއީ ގާނޫނީ ދާއިރާ ތަމްސީލުކުރާ މެންބަރަކާއި، ތައުލީމީ ދާއިރާ ތަމްސީލުކުރާ މެންބަރަކާއި، އިޖްތިމާއީ ދާއިރާ ތަމްސީލުކުރާ މެންބަރަކާއި، ސިއްހީ ދާއިރާ ތަމްސީލުކުރާ މެންބަރަކާއި، ދީނީ އިލްމުވެރިޔަކާއި، މަދަނީ ޖަމްއިއްޔާ ތަމްސީލުކުރާ މެންބަރަކާއި، ޕެރޯލް ބޯޑުގެ މެންބަރަކާއި، ފުލުހަކާއި، ޝަރުއީ ދާއިރާ ތަމްސީލުކުރާ މެންބަރަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައްޔަންކުރާ މެންބަރެކެވެ.

މި ބޯޑަށް މެންބަރު ޢައްޔަނު ކުރަށްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން