ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކޭޕާކަށް އަޅާފައިވާ ފިޔަވަޅުތައް ލިޔުމުން އަންގަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން މިފަދަ އެންގުމެއް އަންގާފައިވަނީ ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތް ކުރުމަށް ހަންބޯ ކުންފުންޏާ ހަވާލުކުރި އެއްބަސްވުމާއި ޕްރޮޖެކްޓްގެ ސެކިއުރިޓީ ލިޔުން ހޯދުމަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށައެޅި ފަރާތުން ވަނީ ހަންބޯ ކުންފުންޏާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަންފީޒު ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު އެހެން ފަރާތަކަށް ދީފައިވާ ނަމަ އެކަން އެނގޭނެ ލިޔުމަކާއި އެޕާޓްމެންޓްތަކުގެ މަސައްކަތް މުއްދަތުގައި ނިންމާފައި ނުވާތީ އެޗްޑީސީން އެކަމާ މެދު އެއްވެސް ފިޔަވަޅެެއް އަޅާފައިވާ ނަމަ އެކަން އެނގޭނެ ލިޔުމެއްވެސް ހޯދުމަށް އެދިފައެވެ.

މި މައްސަލާގައި ސިވިލް ކޯޓުން އެޗްޑީސީއަށް އަމުރު ކޮށްފައިވަނީ އަމުރަށް އެދުނު މީހާގެ އެދުނު ހުރިހާ ލިޔުމެއް 14 ދުވަސް ތެރޭގައި އެޗްޑީސީން އެ މީހާ އަށް ފޯރުކޮށްދިނުމަށެވެ. އަދި އެ ލިޔުންތަކާ އެކު، ދައުވާ ހުށަހަޅަން އެ މީހާ އަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ހަމައެއާއެކު އެ މުއްދަތުގައި ދައުވާ ނުކުރާނަމަ އެލިޔުންތައް އިތުރު ބޭނުމެއް ނުކޮށް، ފަސް ދުވަހުގެ ތެރޭގައި އެޗްޑީސީ އަށް ރައްދު ކުރުމަށް ވެސް އަންގާފައިވެއެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. އެކަމާ ގުޅިގެން ފްލެޓް ގަތް ގިނަ ބަޔަކަށް އެޕާޓްމެންޓްތައް ދިނުމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައިވެއެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.

ކޭޕާކް ރެސިޑެންސުން އެޕާޓްމަންޓް ގަނެފައިވާ ގިނަ ބަޔަކަށް ފްލެޓް ލިބިފައިނުވާއިރު އެމަސައްކަތް ކުރަމުންދިޔަ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙުގެ މައްޗަށް ޕީޖީ އޮފީހުން ވަނީ 225 ދައުވާކޮށް އޭނާގެ އަގުބޮޑު ގިނަ މުދާތަކެއް ހިފަހައްޓާފައެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން