އެއްކޮށްލަން ނިންމާފައިވާ އިދާރާތައް
އެއްކޮށްލަން ނިންމާފައިވާ އިދާރާތައް
މީޑިއާ އާއި ގުޅުން ހުރި ތިން އިދާރާއެއް އެއްކޮށްލުމަށްފަހު މީޑިއާ ކޮމިޝަނެއް އުފެއްދޭ ގޮތަށް ބިލެއް އެކުލަވާލަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބަންޑާރަ ނާއިބުގެ އޮފީހަށް ލަފާ ދިނުމަށް ފާސްކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބްރޯޑްކާސްޓިންގް ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލައި މީޑިއާ ކޮމިޝަނެެއް އުފައްދައި، އަދި އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ސަރުކާރާއި މަޖިލީހަށް ލިބޭ ގޮތަށް ބިލެއް އެކުލަވާލުމާ ގުޅޭ މަސައްކަތް ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ސަބް ކޮމެޓީއެއް އެކުލަވާލާފައެވެ.

އެ ކޮމިޓީގައި ތިއްބެވީ ކުރީގެ ދެ ނޫސްވެރިން ކަމުގައިވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. ސަބް ކޮމެޓީގެ މުގައްރިރު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އެގޮތަށް ނިންމީ މީޑިއާގެ ފަރާތްތަކާއި މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއާ ވެސް ބައްދަލުކުރުމަށް ފަހު ކަމަށެވެ.

މިއަދު ކޮމިޓީގައި ވަނީ ސަބް ކޮމިޓީ އިން ހޯދި ހޯދުންތަކާއި ފާހަގަކުރެވުނު ނުކުތާތައް ހުށަހަޅައިފަ އެވެ. އެ ތިން އިދާރާ އެއްކޮށްލުމަށްފަހު އެކުލަވާލާ މީޑިއާ ކޮމިޝަނުގައި ފަސް މެންބަރުން ހިމެނުމަށް ވަނީ އެދިފައެވެ. އެ މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންނެވެ. އެ ކޮމިޝަނަކީ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ކޮމިޝަނެއް ކަމަށް ކޮމެޓީން ވަނީ ލަފާދީފައެވެ.

އެކޮމިޝަނަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި މީޑިއާތަކަށް ލައިސަންސް ދޫކުރުމާއި، ފިޔަވަޅު އެޅުމާއި މީޑިއާތައް އުވާލުމުގެ ބާރު ހިމެނެއެވެ. ސަބް ކޮމިޓީގެ ރިޕޯޓަށް ބަލައި މައި ކޮމިޓީން ފާސްކުރީ އާ ކޮމިޝަންގެ ދަށުގައި އޮންނަ މިނިވަން ލޭޔާއެއްގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަން، އައިކޮމް ބޭއްވުމަށެވެ.

އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބްރޯޑްކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް އާ ކޮމިޝަންގެ ގާނޫނުގައި އެ ކޮމިޝަނަށް ލިބޭ ގޮތަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް ވެސް އާ ކޮމިޝަންގެ ގާނޫނުގައި ހިމެނުމަށް އޭޖީއަށް ހުށަހަޅަން ކޮމިޓީން މިއަދު ފާސްކުރި އެވެ.

ސަބް ކޮމިޓީއަށް ފާހަގަވި 10 ކަމެއް ހިމަނައި މައި ކޮމިޓީއިން ފާސްކޮށްފައިވަނީ ބްރޯޑްކޮމްއާއި، މީޑިއާ ކައުންސިލް އަދި އައިކޮމް އެއް މުއައްސަސާއަކަށް ބަދަލުކުރަން ފެންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށައެޅުމަށް ބަންޑާރަނާއިބަށް ސިޓީއަކުން ވަނީ ދަންނަވާފައެވެ.

މީގެއިތުރުން ކޮމިޝަނަށް ލަފާދޭ މެންބަރުން ހިމެނިވަޑައިގަންނަވާ ބޯޑެއް އެކުލަވާލުމަށް ހިމަނާފައިވާއިރު އެ ބޯޑަކީ މީޑިއާތަކުގެ މެދުގައި އިންތިހާބު ކުރާ މެންބަރުން އެކުލެވޭ ބޯޑަކަށް ވާންޖެހޭ ކަމަށްވެސް ބަންޑާރަ ނާއިބަށް ފޮނުވި ސިޓީގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ފާރިޝް

11-Aug-2020

ވަށަފަރު މީހުން އުނބަަށް ޖަހާ އަޑު އެހިން. އަދި.ބައެއް މީހުން ޖެހިވަޅަށް ޖަހާ އަޑުވެސް އެހިން ކީހާ ޅެން ފަރިސަށް. ހަމަ.ކުރިން އޮތްގޮތަށް ބަދަލުކުރުމުގެ ފެށުން. ގައްދާރުންނަކީ ކޮންބައެއްކަން އެނގެމުންދަނީ.ދެފުއް ދެގޮތީ މައުމޫނު ނޫންކަން އެނގެމުން މިދަނީ



ޓްރެންޑިން