ރޭގެ މެޗުގައި އިންޓަރއަށް ގޯލް ކާމިޔާބު ކޮށްދިނުމަށްފަހު ލުކާކޫ (ވ).
ރޭގެ މެޗުގައި އިންޓަރއަށް ގޯލް ކާމިޔާބު ކޮށްދިނުމަށްފަހު ލުކާކޫ (ވ).
ޔޫރޮޕާ ލީގު ގައި ބަޔާ ލެވަކޫސަން 2-1 އިން ބަލިކޮށް 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިންޓަ މިލާނުން ޔޫރަޕްގެ މުބާރާތެއްގެ ސެމީން ފުރުސަތު ހޯދައިފިއެވެ.

ލެވަކޫސަން ކޮޅަށް ރޭގެ މެޗުގައި އިންޓަ އަށް ލީޑުނަގައިދިނީ މެޗުގެ 15 ވަނަ މިނިޓްގައި އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެވެ. ބަރޭލާ މި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ ހަ މިނިޓް ފަހުން އިންޓަގެ ލީޑުފުޅާކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ މި ގޯލު ޖެހީ އެޝްލީ ޔަންގް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އިންޓަ އިން ދެ ގޯލުގެ ލީޑެއްނެގިތާ ތިން މިނިޓް ފަހުން ލެވަކޫސަންގެ ތަރި ކާއީ ހާވާޓްޒް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ.

ރޭގެ މެޗުގައި ޖެހި ގޯލާ އެކު ލުކާކޫ ވަނީ ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހައި ރެކޯޑެއް ގާއިމްކޮށްފަ އެވެ. ލުކާކޫ ނުވަ ގޯލު ހަމަކުރީ މި މުބާރާތުގައި އެންމެ ފަހުން އެވަޓަން އަށް ކުޅެދިން ފަސް މެޗުގައި ލަނޑު ޖެހުމުގެ އިތުރުން އިންޓަ އަށް މި މުބާރާތުގައި ކުޅުނު ފުރަތަަމަ ހަތަރު މެޗުން ލަނޑު ޖަހައިގެންނެވެ. ލުކާކޫ ވަނީ މި ސީޒަނުގައި 31 ގޯލު ޖަހައިފަ އެވެ.

އިންޓަ އިން އެންމެ ފަހުން ތަށްޓެއް ހޯދީ 2011 ވަނަ އަހަރު އިޓާލިއަން ކަޕް އެވެ. އޭގެ ފަހުން އެ ޓީމާ ހަވާލުވި އަށް ކޯޗުން މަގާމުން ވަކިވީ ކާމިޔާބެއް ނުލިބި އެވެ. އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ އިންޓަ އިން ސެމީގައި ނުކުންނާނީ މިރޭ ސްވިޒަލެންޑްގެ ބަސެލް އާއި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް ތެރެއިން މޮޅުވާ ޓީމަކަށެވެ.

މިއީ 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ފަހު އިންޓަ އިން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ފަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އިންޓަ އިން ވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ.

ކޯވިޑް-19ގެ ސަބަބުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މިނި ޓޯނަމެންޓެއްގެ ގޮތުގައި ކުޅޭއިރު ހުރިހާ މެޗެއް ކުޅޭނީ ޖަރުމަނުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން