ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
މަޖިލީހުން ފެންނަމުން މިދަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން އޮތް މިންވަރު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުޙައްމަދު އަސްލަމަށް މަޖިލީހުގެ ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވި ގޮތާއިމެދު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރެއްވުމުންނެވެ.

މިނިސްޓަރާއި ސުވާލުކުރެއްވުމަށް ލިބުނު ފުރުސަތުގައި، ޖާބިރު ވިދާޅުވީ، މަޖިލީހުން ފެންނަމުން މިދަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން އޮތް މިންވަރުކަމަށާއި، އެމްޑީޕީން އަސްލަމް ޤަބޫލުނުކުރައްވާ މިންވަރަށްވެސް ވާހަކަފުޅުތައް ދައްކަވަމުންދާތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ގުޅިފަޅުން ހިއްކާ ބިމުގެ ސަރަހައްދުގެ ޕްލޭންއާ ގުޅޭ ގޮތުންނާއި އެ ސަރަހައްދުގައި މާލެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކުރެވޭ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޕްލޭންއާ ގުޅޭ ގޮތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލު ކުރެއްވުމާއި ގުޅިގެން، މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުގެ ޕްލޭންގެ ޑްރާފްޓެއް އެކުލެވިފައިވާ ކަމަށާއި، އެކަމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މަޖިލީހުގައި ތިއްބަވާ މާލެ ދާއިރާތަކުގެ މެންބަރުންނާ އެކު ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގުޅީފަޅުން މާލޭ ރައްޔިތުންނަށް ދޫކުރާ ބިމުގެ ޢަދަދު 1200 އަށް ވުރެ މަދު ނުވާނެ ކަމަށާއި، އެ ޢަދަދު ވިޔަސް ވާނީ އިތުރު ކަމަށެވެ.

ގުޅިފަޅު ލޭންޑް ޔޫޒް ޕްލޭންގައި އަދި އޮތީ ޑްރާފްޓެއް ކަމަށް މިނިސްޓަރު ވިދާޅުވުމުން ރައީސް ނަޝީދު ވަނީ، މެންބަރު އެ ކުރައްވާ ސުވާލަކީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންވާ ޖަވާބެއް ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ޕްލޭންއެއް އޮތުމަކީ، އެ ޕްލޭން ގެޒެޓް ކޮށްފައި އޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ގެޒެޓްކޮށްފައިވާ ޕްލޭނެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރާއްޖޭގެ އެކި ރަށްރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް މިހާތަނަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތަކީ ކޮބައިތޯ އާއި އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ އާއި، އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚާ ބެހޭގޮތުން ސުވާލުތައް އަމާޒު ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން