މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިހާރު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ މަޝްރޫޢުތައް ފިޔަވައި އިތުރު މަޝްރޫޢެއް މިއަހަރު ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އެ ދާއިރާތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ސަރުކާރުން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްގެންދާނީ މިވަގުތު ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ މަޝްރޫޢުތައް އެކަނި ކަމަށެވެ.

އަދި މިވަގުތު ސޮއިކުރެވިފައިނުވާ މަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ދައުލަތުގެ ބަޖެޓުން ޖާގަ ލިބުމުންކަމަށާއި، އެހެންކަމުން މިވަގުތު ސޮއިކޮށްފައިވާ ކޮންޓެކްޓްތަކުގައި ހިމެނޭ މަޝްރޫޢުތައް ޕްލޭން ކުރެވިފައިވާގޮތަށް ކުރިއަށްދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބަޖެޓްގައި ހިމަނާފަ ކޮންޓްރެކްޓްގަ ސޮއިކުރެވިފައިނުވާ މަޝްރޫޢުތައް މިވަގުތު ކުރިއަށް ގެންދެވޭކަށް ނެތް. ބަޖެޓުން ޖާގަ ލިބިގެން ނޫންގޮތަކަށް ފައިނޭންސް އެރޭންޖުމަންޓެއް ހެދިގެން ނޫންގޮތަކަށް ފެށޭކަށް ނެތް. ނަމަވެސް ބަޖެޓްގައި ހިމަނާފަ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ މަސައްކަތެއްނަމަ ކުރިއަށްދާނެ."

ކޯވިޑް-19އާއި ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ލޮޅުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް، ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ޓެންޑާނުކޮށް ހުރި މަޝްރޫޢުތައް މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައިވާކަމަށްފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ކުރިން ވަނީ ވިދާޅުވެފައެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓްގައި، ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 10.45 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި 2.2.ބިލިއަން ރުފިޔާގެ މަޝްރޫޢުއަކީ މުޅިން އަލަށް ފަށާ މަސައްކަތްތެކެވެ. މިއަހަރު ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރުޢޫތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ޓެންޑަރ މަރްޙަލާ ނިމިފައިވާ މަޝްރޫޢުތައްކަމަށްވެސް މިނިސްޓަރ އަސްލަމް ކުރިން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން