ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް (ވ)
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް (ވ)
މިއަހަރު މަގުއޮޅި ގެއްލިގެން ސަތޭކަ އަށްވުރެ ގިނަ ހައްޖުވެރިން ހޯދަންޖެހުނު ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޝަކީލް ވިދާޅުވީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭން ސައުދީއަށް ދިޔަ 1،150 ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އެގޮތުން ބޮޑު މައްސަލައެއް ކުރިމަތި ނުވެ ތަބީޢީ މަރަކުން ނިޔާވި އެއްމެ ހައްޖުވެރިއެއް ފިޔަވާ އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށް ޝަކީލް ވިދާޅުވިއެވެ.

މިއަހަރު މަގުއޮޅި ގެއްލިގެން ސަތޭކަ އަށްވުރެ ގިނަ ހައްޖުވެރިން ހޯދަންޖެހުނުކަން ފާހަގަ ކުރަށްވަމުން ޝަކީލް ވިދާޅުވީ މިއީ ފަހުގެ ތާރީހެއްގައި ސައުދީއަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތައް ކަމަށެވެ.

ނަމަވެސް ފަހުގެ ޓެކްނޮލޮޖީއާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަގު އޮޅުނު ޙައްޖުވެރިން ހޯދައި، ސިއްހީ މައްސަލައެއް ކުރިމަތި ނުވެ ސަލާމަތްކުރެވުނު ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ޝަކީލް މިހެން ވިދާޅުވެފައިވާއިރު، މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވިދާޅުވެފައިވަނީ މިއަހަރުގެ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށެވެ.

މިއަހަރު ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން 1،150 ދިވެހިން ހައްޖަށް ދިޔައެވެ. އޭގެތެރޭގައި ސަރުކާރުގެ ޚަރަދުގައި ދިޔަ 150 މީހުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން