އަޙްމަދު ޙުމައިދު   20 ޖޫން 2024 - 20:58
ފީފާގެ އެތިކްސް ކޮމިޓީން ދިވެހި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފިއެވެ.

ފީފާގެ އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރަން ނިންމީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 މާއްދާގެ ދަށުންނެވެ. ބައްސާމް ސަސްޕެންޑް ކޮށްފައިވަނީ 9 މަސްދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގައި ފުޓްބޯޅައިގެ ގައުމީ އަދި ބައިނަލަޤްވާމީ އެއްވެސް ހަރަކާތެއްގައި އޭނާއަށް ބައިވެރިއެއް ނުވެވޭ ނެއެވެ.

ފީފާއިން ބައްސާމް ސަސްޕެންޑް މިކުރީ ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެފްއޭއެމްގެ އޮފިޝަލުންގެ މައްޗަށް ތަހުގީގެއް ފަށައި، އެފްއޭއެމް ހައުސް ބަލާ ފާސްކުރުމުންނެވެ.

މި ގޮތުން އެފްއޭއެމްގެ އޮފިޝަލުންގެ މައްޗަށް މަނީ ލޯންޑަރިން އާއި ޚިޔާނާތާއި ކޮރަޕްޝަން އަދި އެފްއޭއެމްގެ އޮފިޝަލުން ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާ ގުޅޭ އެހެނިހެން ޖިނާއީ ކުށްތަކެއްގެ ތުހުމަތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކޮށްފައެވެ.

ފީފާއިން ވަނީ ބައްސާމް އާއި ދެކޮޅަށް ރަސްމީ ގޮތުން ތަހުގީގެއް ފެށުމަށްވެސް ނިންމާފައެވެ. އެގޮތުން ފީފާގެ ކޯޑް އޮފް އެތިކްސް އާއި ހިލާފް ވުމާއި ގުޅިގެން 4 މައްދާއަކަށް ރިއާޔަތްކޮށް ތަހުގީގު ހިންގުމަށް ވަނީ ނިންމާފައެވެ.

އެ މާއްދާ ތަކަކީ؛

- 14 ވަނަ މާއްދާ، އާންމު ވާޖިބުތައް، - - 20 ވަނަ މާއްދާ، މަސްލަހަތު ފުށުއެރުން، - 21 ވަނަ މާއްދާ، ހަދިޔާއާއި އެހެނިހެން ފައިދާތައް ހުށަހަޅައި ބަލައިގަތުން

- 29 ވަނަ މާއްދާ، ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން.



ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ޖިނާއީ 2 ދައުވާއެއް އުފުލާފައެވެ. އެކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ވެސް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން