ޖަލުގައި ބަންދު ކޮށްފައިވާ ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ވަގަށް ފޯރުކޮށްދެމުން ދިޔަކަމަށް ތުހުމަތު ކުރެވޭ ކަރަކްޝަންސްގެ 13 އޮފިސަރުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ބާކީތިބި ދެ މުވައްޒުން ވަނީ 5 ދުވަހަށް ބަންދުކޮށްފައެވެ.

ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި އޮފިސަރުންގެ ތެރޭގައި ހިމެނެނީ ކ. މާފުށިން ނުވަ އޮފިސަރުންނާއި، ކ. ކާށިދޫއިން ދެ އޮފިސަރުންގެ އިތުރުން ހއ. އުތީމުން އޮފިސަރަކާއި މާލެއިން އޮފިސަރެއް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އެ ހުރިހާ އޮފިސަރުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ބަލާފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި 18 ކަރެކްޝަންސް އޮފިސަރުން ހިމެނޭއިރު އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އެގޮތުން އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

އެ ފައިސާ އޮފިސަރުންގެ އެކައުންޓަށް ޖަމާކޮށްފައި ހުރީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންނާއި، ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންބުނީ އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން