އެމެރިކާގައި ހަލުވިކަމާއެއްކޮ ކޮވިޑް-19 ފެތުރެމުންދާ ކަމަށް އެގައުމުގެ ކަމާގުޅޭ އިދާރާތަކާއި ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

ނުރައްކާތެރި ކޯވިޑް-19 ފެތުރޭ މިންވަރު އެމެރިކާގައި މައްޗަށް އަރަމުންދާކަމަށް އެގައުމުގެ އޮފިޝަލުން ރިޕޯޓުކޮށްފައިވެއެވެ. ފާއިތުވި ހަފްތާތަކުގައި ކޮވިޑް ކޭސްތައް މަދުމަދުން މައްޗަށް ދަމުން ދިޔަ އިރު ކޮވިޑްގެ އާ ވައްތަރުތަކެއް ވެސް ދަނީ އެމެރިކާއިން ފެންނަމުންނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާގައި ވަނީ ކޮވިޑް-19 ގެ ސަބަބުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް މި އަހަރުގެ ހޫނު މޫސުމާއި ދިމާކޮށް އެގައުމުން މިހާރު ވަނީ ކޮވިޑްގެ އާ ވޭދަނަތައް ފެނި މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންނެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ 38 ސްޓޭޓެއްގައި މި ބަލި ދަނީ ހަލުވިކަމާއެއްކޮށް ފެތުރެމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވާއިރު ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުން ދާކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ކޮވިޑް-19 އަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ބައްޔެކެވެ. އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި އެތައް މިލިއަން މީހުން މަރުވިކަން ފާހަގަ ކުރެވެއެވެ. އަދި އެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމު ލޮކްޑައުންވެސް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން