ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ދަޢުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު، ހުކުމުގައިވާ ގޮތަށް ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަނައިބު މީރާއަށް އަންގަވައިފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާއިން، މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށުން، މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ޙުކުމްކޮށްފައިވީ ނަމަވެސް، އެ މުއްދަތުގެތެރޭގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެ ފައިސާ ދައްކާފައި ނުވާތީ، ޤާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާނެ ކަމަށެވެ.



އަދި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތް ޖޫރިމަނާކޮށް ޙުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްދައްކަންޖެހޭ ފައިސާ ހޯދާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއްކަމުގައި ވާތީ، އެކަން އެ އިދާރާއާއި ޙިއްސާ ކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިހާތަނަށް ސަރުކާރަކުން ހިންގި އެންމެބޮޑު ހިޔާނާތް ކަމަށް އޭޖީވެސް ވަނީ ވިދާޅުވެފައެވެ. އެ މައްސަލާގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް މިހާރުވެސް ދަަނީ ކުރިއަށެވެ.

ދާދިފަހުން ރައީސް ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރ. ފުއްގިރީގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލައިގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާއަކާއި ކޮރަޕްޝަންގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ހޯދުމަށް މަސައްކަތް ކުރާ، ޖުމްލަ ފައިސާގެ އަދަދަކީ 591 މިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން