ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމަރުންނާ ގުޅޭގޮތުން ދައުރުވަމުންދާ ޑޭޓާގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިހާރު ދައުރުވާ ސްކޭމް މެސެޖު ތަކަށް ސަމާލުވުމަށް އެދޭ ކަމަށާއި އެއީ އެ ކޯޕަރޭޝަނުން ފޮނުވާ މެސެޖުތައް ނޫން ކަމަށެވެ.

އެޗްޑީސީގެ ކަސްޓަމަރުންނާ ގުޅޭގޮތުން ދައުރުވަމުންދާ ޑޭޓާގެ މައްސަލަތައް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާކަމަށާއި ޕޭމަންޓް ރިސީޕްޓް ތަކަށް ރޭ ދިމާވި މައްސަލަވެސް ހައްލުކުރެވިފައިވާ ކަމަަށެވެ.

”ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީ އަކީ މި ކޯޕަރޭޝަނުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަންކަން. މި ކޯޕަރޭޝަނުގެ ނަމުގައި އެގޮތަށް ލިބޭ ސްކޭމް މެސެޖުތަކަށް ކަސްޓަމަރުން ކުރިއަށް އޮތްތަނުގައި ވެސް ސަމާލުވުމަށާއި އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަން.“ އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށްގެން، ކަސްޓަމަރުންނަށް ވަން ޓައިމް ޕާސްވޯޑު (އޯޓީޕީ) ހޯދުމަށް މެސެޖު ކުރަން ފެށީ ރޭގެ ވަގުތެއްގައެވެ. އަދި ބައެއް ކަސްޓަމަރުން އެތަނުން ހޯދާފައިވާ ޚިދުމަތުގެ މައުލޫމާތުތައް ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

ފުލުހުން ވަނީ މި މައްސަލަ ބަލަމުން ދާ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން