މި ވަގުތު އާންމުން ބޭކާރު ހަރަދުތައް ކުޑަކުރުމަށާއި އެހެން ނަމަވެސް ކުރިމަގު އުޖާލާ ވާން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅު ވެއްޖެ އެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި އާރިފް ވަނީ މި ދުވަސްވަރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތާ ގުޅިގެން ހަރަދުކުޑަކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން އަބަދު ޓޭކްއަވޭ ތަންތަނުންް ކާ އެއްޗެހި ގެނައުމުގެ ބަދަލުގައި އަމިއްލައަށް ގޭގައި ގަރުދިޔައާއި ބަތް ފަދަ އާދައިގެ ކެއުންތައް ކައްކައިގެން ފުއްދާލުމަށް އޭނާ ގޮވާލެއްވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ކުރާ ބޭކާރު ހޭދަތައް ބޮޑުތަނުން ކުޑަކޮށްފަ މި ރާއްޖޭގެ ކުރިމަގު އުޖާލާކޮށް ފެންނަން އޮތް ފެނުމަށް އިޜާދަ ކުރެއްވިއްޔާ މާދުވަހެއް ނުނަގާނެ." އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ވައުދަކީ މިނިވަންކަން ދިފާއުކޮށް އިސްތިގުލާލު ދިފާއުކުރުން ކަމަށެވެ. އަދި އެކަންކަން ވާން އޮތީ އަނެއްކާވެސް ބައެއްގެ ފައިބުޑަށް ވެއްޓި ނުދަރައި ސަލާން ކުރެވިގެން ކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ރާއްޖޭގެ ރުފިޔާގެ އަގު ވައްޓާލީ އޭގެ ނުރަނގަޅު ނަތީޖާ ނޭނގޭތީ ނޫން ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ހިޔާރުކުރީ ފަސޭހަ ގޮތް ކަމަށް އާރިފް ވިދާޅުވިއެވެ.

އެހެން ނަަމަވެސް މި ސަރުކާރުން ބޭނުންވަނީ އޭގެ ބަދަލުގައި ދާއިމީ ހައްލު ހޯދުން ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

"ދާއިމީ ހައްލު ލިބެން އަންނަނީ އެ ބުނާ ހިތި ބޭހެއް ބޮއެގެން." އާރިފް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން