ޝާން މުހައްމަދު   18 ޖުލައި 2024 - 3:49
އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއެރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ބައިޑަން ކޮވިޑަށް ފައްސިވީ ލަސް ވެގަސްގައި އޭނާ ހުންނަވަނިކޮށް ކަމަށެވެ.

އެބަޔާނުގައި، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައި ބޫސްޓް ދީފައިވާ ކަމަށާއި މިހާރު ރައީސް ބައިޑެންގެ ފަރާތުން ފެންނަނީ ބަލީގެ ކުދި އަލާމާތްތައް ކަމަށް ޖީން ޕިއެރޭ ހާމަކުރައްވާފައިވެއެވެ.

"އެމަނިކުފާނު އެނބުރި ޑެލަވޭއާއަށް ވަޑައިގަނެ އެތަނުގައި އަމިއްލައަށް އެކަހެރިވެވަޑައިގަންނަވާނެ. އެ މުއްދަތުގައިވެސް ހުރިހާ ވާޖިބުތަކެއް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެ. އައިސޮލޭޝަންގައި ހުންނަވައިގެން އޮފީހުގެ ފުރިހަމަ ވާޖިބުތައް އަދާކުރައްވަމުން ގެންދަވާތީ، ރައީސްގެ ޙާލަތާ ބެހޭ ގޮތުން ވައިޓް ހައުސްއިން ގަވާއިދުން އަޕްޑޭޓްތައް ދެއްވާނެ." ޖީން ޕިއެރޭ ވިދާޅުވިއެވެ.

ވައިޓް ހައުސްއިން އާންމުކުރި ބައިޑަންގެ ޑޮކްޓަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިޑަން ކޮވިޑަށް ޓެސްޓު ކުރީ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތްތައް ފެނުމުން ކަމަށެވެ.

މީގެ ކުރިންވެސް ބައިޑެން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެމަނިކުފާނަކީ މިބައްޔަށް ހައި ރިސްކު ފަރާތެއްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން