ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި ހުއްދަ ނުނަގާ އިމާރާތްކުރުމުގެ މަސައްކަތްތައް ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮފިއެވެ.

އެޗްޑީސީން ބުނީ މިހާރަކަށް އައިސް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު، އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި ގޯތިތެރޭގެ މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސްކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެޗްޑީސީން ނަގަންޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އަދި އެކަމަކީ ހުޅުމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއްކަން އެޗްޑީސީން ހާމަކޮށްފައިވެއެވެ.

އެހެންކަމުން، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ހަދަން ފެށުމުގެ ކުރިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް އެޗްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. އަދި ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބިންތައް ބޭނުންކުރަމުންދާ ފަރާތްތަކާމެދު، ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޗްޑީސީން އަޅާނެކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން