ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ ހާލަތާއި ވަގުތަށް ރިޔާއަތް ކުރައްވައިގެން ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާ ފޮނިވާނެކަމަށް ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ކުރިއަށްގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، ގައުމު ތަރައްގީވާނީ އަމާންކަމާއި ސުލްހަމަސަލަސްކަން އޮވެގެން ކަމަށެވެ.

އެހެންކަމުން ގައުމަށް އަމާންކަން ގެނައުމަށް ރައީސް ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރައްވާ ކަމަށާއި އެ މަސައްކަތާއެކު ގައުމުގެ ކުރިމަގު އުޖާލާ ކުރުމަށް ގިނަ މަސައްކަތްތަކެއް ރައީސް‏ ކުރައްވަމުން ގެންދަވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ކަންކަން ކޮށްފައި އޮތްގޮތުން ބައެއް ކަންކަން ވުމުގައި މުއްދަތެއް ނަގާފާނޭކަމަށާއި ނަމަވެސް ރައީސްގެ މެނިފެސްޓޯގައިހުރި ކަންކަން ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އަދި ހިކުމަތްތެރި ކަމާއެކު މަސައްކަތް ކުރައްވާ، ރައީސް ޑރ. މުޢިއްޒު ތަފާތު ދައްކަވާނެ ކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ދިވެހީން ބޭނުންވަނީ ރައީސްގެ ޒައާމަތާއިއެކު ކުރިއަށްގޮސް ކުރިއެރުންތައް ހޯދަންކަމުގެ ޔަގީންކަން މިފަހުން ބޭއްވި އިންތިހާބުތަކުގެ ނަތީޖާއިން އެނގިގެން ގޮސްފައިވާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން