ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓުގައި ބަޖެޓު ފޫބައްދާހާ ވަރަށް ފައިސާ އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ކެމްޕޭނަށް ދޭ ފައިސާ ހުންނަން ވާނީ އެޕާޓީއެއްގެ އެކައުންޓުގައި ކަމަށް ބުނެފައި އޮތްއިރު ޕާޓީޣެ ވެރިއެއްގެ އެކައުންޓުގައި އެ ފައިސާ ހުރެގެން ނުވާނެ ކަމަށެވެ.

އެހެން ނަަމަވެސް ނިމިގެން ދިޔަ ދައުރުގައި ރައީސް ޔާމީނާ ދެކޮޅަށް ހިންގި ޝަރީއަތްތަކުގައި ވެސް ކެމްޕޭނަށް ލިބިފައި ހުރި ފައިސާ އެމަނިކުފާނުގެ އެކައުންޓުގައި ހުރިކަމަށް ހުދު ރައީސް ޔާމީން އޮތީ އިއުތިރާވްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ މިވާގޮތަކީ މި އެކައުންޓުތަކަކީ ހަމައެކަނި ޑިޕޮސިޓް ކުރެވޭ އެކައުންޓުތަކެއް. މަދެެއް ނުވޭ މިއަކުން އެއްޗެއް. ހައްތާހާ ވަނީ ގިނަ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓުގަ އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާވަރަށް ފައިސާ." ފަލާހު ވިދާޅުވި އެވެ.

އަދި ހަމަ އެހެންމެ މިހާރު ރައީސް ޔާމީނާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަދި ކުރީގެ ޓެކްނޮލިޖީ މިނިސްޓަރު މުހަައްމަދު މަލީހު ޖަމާލުވެސް ރައީސް ޔާމީންގެ އެކައުންޓުގައި މިލިއަނުން ފައިސާ ހުރި ކަމަށް ތުހުމަތުތަކެއް ކުރިން ކުރެއްވިކަން ވެސް ފަލާހު ފާހަގަ ކުރެއްވި އެވެ.

ފަލާހު ވަނީ ރައީސް ޔާމީން މާލޭގައި އެޅުއްވި 12 ބުރީގެ ގެއަށް ފައިނޭންސް ކުރި ގޮތާ މެދުވެސް ސުވާލު އުފައްދަވައިފަ އެވެ.

ފަލާހު ވިދާޅުވީ އެވަރުގެ އިމާރާތެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް ކަމަށާއި އެކަމަކު ރައީސް ޔާމީން އެތަން އިމާރާތް ކުރެއްވީ ލޯނެއްވެސް ނުނަންގަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން