އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރު ކަތިލުމަށް ބަޔަކު ކުރަމުންދާ ހަޑި މުޑުދާރު އަމަލުތައް ހުއްޓާލުމަށް ވެރިކަން ކުރާ ޕީއެންސީން ގޮވާލައިފި އެވެ.

ނިމިގެން މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ވަނީ ޝަހީމްކަމަށް ބުނެ މީހެއްގެ ބަދުއަޚުލާގީ ވީޑިއޯތަކެއް ދައުރުކޮށްފައެވެ.

ނަމަވެސް ފަހުން އެއީ އެޑިޓްކޮށްފައިވާ "ޑީޕް ފޭކް" ވީޑިއޯއެއްކަން ވަނީ ހާމަވެފަ އެވެ.

އެކަން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކޮށް ވަނީ އެފަދަކަންކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ޝަހީމްގެ އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ޕީއެންސީން ރޭ ނެރުނު ބަޔާނުގައި ބުނީ ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އޭނާގެ ހިދުމަތުގެ އަގު ވަޒަން ކުރަމުން ގެންދާ ހުލްގު ހެޔޮ ދީނީ ލީޑަރެއް ކަމަށެވެ.

އަދި ޝަހީމް އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ކޯލިޝަނުން ފަހުރުވެރިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

"ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީއާ ގުޅުން ހުރި އެންމެހާ ކަންކަން ކުރެއްވުމުގައި ޝަހީމް ކާމިޔާބު ހޯއްދަވަމުން ގެންދަވާކަން ފާހަގަކުރަމެވެ." ޕީއެންސީގެ ބަޔާނުގައި ވެއެވެ.

އަދި ޝަހީމަކީ ކީރިތި ޤުރުއާން ހިތުދަސް ބޭފުޅެއް ކަމަށާއި ޝަހީމަށް ފުރަައްސާރަކޮށް، ހަގީގަތާ ހިލާފު ދޮގު އިލްޒާމުތައް އެޅުވުމަކުން އޭނާ ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ޝަހީމަކީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށް ވެސް ޕީއެންސީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން