އޮކްޓޫބަރުން ފެށިގެން އާސަންދަ ހިދުމަތް ލިބޭނީ އެހެން އިންޝުއަރެންސެއްގައި ބައިވެރިވެފައި ވާނަމަ އެބައި ކަނޑާފައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވީ ވެލްފެއާ ނިޒާމު ހަރުދަނާ ކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އޮކްޓޫބަރު މަހުން ފެށިގެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސް ޕޮލިސީތަކުގައި ބައިވެރިވެފައިވާ މީހުންނަށް އެ އިންޝުއަރެންސްތަކަށް ކެނޑުމަށްފަހު ކަމަށެވެ.

ހީނާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީިން އެންސްޕާ އާއި އާސަންދަ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީން ވަނީ އެހެނިހެން އިންޝުއަރެންސް ސްކީމްތަކުގައި ބައިވެރިވެފައި ތިބޭ މީހުންނަށް އާސަންދަ ސްކީމްގެ ތެރެއިން ހިދުމަތް ލިބޭ މައްސަލަ ފާހަގަކުރައްވާފަ އެވެ.

ކޮމިޓީގެ މުގައްރިރުގެ ނައިބު، މާފަންނު ހުޅަނގު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު މުސްތޮފާ އިބްރާހީމް ފާހަގަ ކުރެއްވި މި މައްސަލަ އަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ޑަބަލް އިންޝުއަރެންސް ލިބުމުގެ މައްސަލައަށް، ތަންފީޒުކުރަން ފަށާ އާ ސިޔާސަތުގައި ބަލާފައިވާނެ ކަމަށެވެ.

އެންސްޕާގެ ސީއީއޯ ވިދާޅުވީ އާސަންދަ އަށް އަންނަ ރިފޯމްގެ ތެރެއިން އެކެއް އޮކްޓޫބަރުން ފެށިގެން އިމްޕްލިމެންޓް ކުރަން ފަށާ ބައެއް ޕޮލިސީސްތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެހެން އިންޝުއަރެންސެއްގައި ބައިވެރިވެފައިވާ ބޭފުޅެއް ކަމުގައިވާނަމަ ބިލް ކްލިއާ ކުރާއިރުގައި އެންމެ ފުރަތަަމަ އެ ބޭފުޅެއްގެ އޮތް އިތުރު އިންޝުއަރެންސަކުން ކްލިއަކުރާނެ ކަމަށެވެ. އޭގެ ފަހުން ދެން އާސަންދަ ކްލިއާކޮށް އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ވެލްފެއާ އަދި އާސަންދަ ޕޮލިސީއަށްވެސް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުންދާކަން ހީނާ ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށް ޑްރާފްޓްތަކެއް އެކުލަވާލެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ކެބިނެޓަށް ކަރުދާސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން