ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ލަކީ އެކްސްޕޯޓްސް އާއެކު އެއްބަސްވެ އެއްބަސްވުން ހަވާލުކުރަނީ
ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ލަކީ އެކްސްޕޯޓްސް އާއެކު އެއްބަސްވެ އެއްބަސްވުން ހަވާލުކުރަނީ
އަނެއްކާވެސް ބޭރުގެ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގެ މައްސަލައެއް ހުށަހަޅައިފިއެވެ.

މިފަހަރު ދިވެހި ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނިއުދިއްލީގެ ހައިކޯޓަށް މައްސަލަ ހުށައަޅާފައިވަނީ، އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެސް ލަކީ އެކްސްޕޯޓްސް އިން ކަމަށް އޭޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.

އޭޖީ އޮފީހުން ބުނީ، ލަކީ އެކްސްޕޯޓްސް ނަމަކަށް ކިޔާ ކުންފުންޏެއް ދިވެހި ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނިއުދިއްލީ ހައިކޯޓަށް މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އާބިޓްރޭޝަން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލާގައި އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށް އޭޖީން ބުނެއެވެ.



ލަކީ އެކްސްޕޯޓްސް އާއި އެންވާރަމަންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އާ ދެމެދު ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވުމެއްވެފައި ކަމަށް އޭޖީން ބުނެއެވެ. ނަމަވެސް ލަކީ އެކްސްޕޯޓްސުން އެ އެއްބަސްވުމާ ހިލާފްވެފައި ވާތީ އެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ، ލަކީ އެކްސްޕޯޓްސްގެ ފަރާތުން ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483451 ޑޮލަރު ހޯދުމަށް ބޭންކް ގެރެންޓީ ދޫކުރި އިންޑިއާގެ ބޭންކް ސިންޑިކޭޓް ބޭންކުގައި ދިވެހި ސަރުކާރުން އެދުމުން އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިއާގެ ނިއުދިއްލީގައި ހައިކޯޓަށް ލަކީ އެކްސްޕޯޓުން ވަނީ މައްސަލަ ހުށަހަޅާފައި ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުގައި ނިއުދިއްލީގެ ހައިކޯޓުން ވަނީ އެ އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައިހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެފައި ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެގޮތުން އެ ވަގުތީ އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ޖަވާބުދާރިވުމަށް ނިއުދިއްލީގެ ހައިކޯޓުން ފުރުސަތު ދީފައިވާތީ އެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ވަގުތީ އަމުރުގެ ޖަވާބު ހުށަހަޅާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގައި ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގައި ސިއްރު ހިފެހެއްޓުން ސަރުކާރުގެ ފަރާތަށް ލާޒިމްވާކަމާއި އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން