ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށް ނިންމަވައިފިއެވެ.

މިދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު އެޖަލްސާގެ އެޖެންޑާގައި އޮތީ ޕީޖީގެ މަޤާމުގައި ހުންނެވި ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި ނިންމުމާމެދު ތަޅުމުން ގޮތެއް ނިންމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޝަމީމް ވަކިކުރަން ނެގި ވޯޓުގައި އޭނާ ވަކިކުރަން އަށް މެންބަރުން ތާއީދު ކުރެއްވިއެވެ. އަދި ޝަމީމް ވަކިކުރުމާ ދެކޮޅަށް ވޯޓް ދެއްވީ ދެ މެންބަރުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުން ވަނީ މުހިންމު ގިނަ ބިލްތަކެއް ފާސްކޮށްފައެވެ.

އެގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ތާއީދާ އެކުއެވެ. އެ ބިލް ފާސް ނުކުރަން 10 މެންބަރުން ވޯޓު ދެއްވިއެވެ.

އޭގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ތާއީދާ އެކުއެވެ. އެ ބިލާ ދެކޮޅަށް ވެސް 10 މެންބަރުން ވޯޓު ދެއްވިއެވެ.

ހަމައެއާއެކު ފޮރިން އިންވެސްޓްމެންޓްގެ ބިލާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާޙުގެ ބިލާއި, މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން