މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ކުރިއަށް ވުރެ ދިގު މުއްދަތެއް ހޭދަވެދާނެކަމަށް އެމްޕީއެލުން ބުނެފި އެވެ.

އެމްޕީއެލުން ރޭ ނެރުނު ބަޔާނުގައި ބުނީ މި މަހުގެ 18 ވަނަ ދުވަހު މާލެއަށް "ސްޕިލް ނައިކަން" ކިޔާ ބޯޓެއް ބަނދަރުކޮށްފައިވާ ކަމަށާއި މިއީ މިހާތަނަށް އެންމެ ގިނަ ކޮންޓޭނަރު ބަރުކޮށްގެން އައި ބޯޓު ކަމަށެވެ.

އެ ބޯޓުގައި ގިނަދުވަސްތަކެއްވަންދެން ރާއްޖެއަށް ނުގެނެވިފަހުރި ކޮންޓޭނަރަރުތައް ހިމެނޭ ކަމަށާއި އަދި އެއާއެކު މި ވަގުތު މާލޭ ވިޔަފާރި ބަނދަރަށް އެއްފަހަރާ ކޯލްކޮށްފައިވާ އެހެން ބޯޓު ފަހަރުގައި ހިމެނޭ ކޮންޓޭނަރތަކާއެކު، މި ފާއިތުވި ހަފުތާގެ އިންބައުންޑް ކޮންޓޭނަރ ވޮލިއުމް ވަނީ 3000 ޓީއީޔޫއަށްވުރެ މަތިވެފައިވާ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.

ހަމަ އެހެންމެ މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.

"ސްޕިލް ނައިކަން"ގައި ޖުމްލަ 1836 ކޮންޓޭނަރު ހިމެނޭ އިރު މިހާތަނަށް 949 ކޮންޓޭނަރު ބާލާފައިވާ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.

އެހެންވެ މާލޭ ވިޔަފާރި ބަނދަރަށް އިންބައުންޑް ކޮންޓޭނަރ ވޮލިއުމް އާދަޔާ ހިލާފަށް މަތިވެފައިވާ ދުވަސްވަރެއްގައި މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގެ މަސައްކަތްތަކަށް ކުރިއަށްވުރެ ދިގު މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

"މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މި އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ ޔާޑް ސަރަހައްދުން 250 ކޮންޓޭނަރ ޖެހޭނެ އިތުރު ޖާގައެއް ވަނީ ހަމަޖައްސައިފައެވެ. އަދި އިތުރު 100 ކޮންޓޭނަރ ޖެހޭނެ ޖާގައެއް ހެދުމުގެ މަސައްކަތް މިހާރުވެސް އެބަ ކުރިއަށްދެއެވެ. އަދި ހަމައެއާއި އެކު ސަރަހައްދު ރައްކާތެރިކާމާއި، ފަސޭހަކުރުމަށްޓަކައި ޕޭވްކުރުމާއި، ގިނަ މަރާމާތުތަކެއް ކުރިޔަށްދާކަންވެސް ފާހަގަކޮށްލަމެވެ." އެމްޕީއެލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން