ސަރުކާރުގެ ތެރެއިން ބަޣާވާތެއް ކުރަން އުޅޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާޢީލް ސިފަ ކުރައްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އާދިއްތަ ދުވަހު ކުއްލިގޮތަކަށް ނިންމި ނިންމުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ސަރުކާރުން ބުނީ އެ ނިންމުމަކީ ސަރުކާރުގެ އިރުޝާދާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ ބަޣާވާތެއް ކަމަށް ވެސް ވަނީ ސިފަކޮށްފައެވެ.

ބޭންކުން ވަނީ ހަމަ މިދިޔަ އާދިއްތަ ދުވަހު، ކުރިއެކޭ އޮއްގޮތަށް ރުފިޔާ އެކައުންޓުން ޑޮލަރުން މުއާމަލާތްވެސް ކުރެވޭ ގޮތް ހަދާފައެވެ.

އެމްޑީޕީން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުފައެވެ. އަދި ބޭންކާމެދު ބަޣާވާތުގެ ތުހުމަތު އެޅުވުމުން ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ފައްޔާޒް މިއަދު ވިދާޅުވީ ޑޮލަރާ ގުޅޭ ކަންކަން ނިމިގެން ދިޔަ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލު ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިހާރު ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށާއި އަދި ޑޮލަރުގެ މައްސަލައަށް ވަށާ ޖެހޭ ސިޔާސަތެއް އޮތްތޯ އާއި އަދި ކަންކަންކަން ގޯހުން ގޯހަށް ދިއުން ހުއްޓުވިދާނެ ކަމާ މެދު ވެސް މިހާރު ސުވާލު އުފެދިފައި ކަމަށެވެ.

ހަމަ އެެހެންމެ ސަރުކާރުގެ އެތެރޭގައި ވެސް ގޯސްތަކެއް އުޅޭކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ.

"އެ ބޭފުޅުންގެ އެތެރޭގައި ގޯސްތަކެއް އުޅޭކަން، އަމިއްލައަށް ކުރިއަށްހުރި ދުވަސްތަކުގެ ތެރޭގައި ބަޣާވާތެއް ކުރާތަން އަޅުގަނޑަށް ފެންނަނީ. އިއްޔެ މުޅި ރާއްޖޭގެ މާލީ ނިޒާމު ފުނޑުފުނޑުކޮށްލާވަރުގެ ކަމެއް އެ ކޮށްލެއްވީ." ފައްޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން