ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ފިނިފެންމާ ލޯންޗު ގޮވުމުގެ ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ނޫންބާވައޭ މިހާރު ހިތްޕުޅަށް އަރާވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕީއެންއެފުން މިހާރު ކުރިއަށް ގެންދާ ޖަގަހަ ޖަލްސާތަކުގައި ޢަބްދުއްރަހީމާއި ގުޅުވައި ޔާމީން ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަފުޅުތަކާއި ގުޅިގެން މިރޭ ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޢަބްދުއްރަހީމް ވަނީ ޔާމީންގެ ސަރުކާރުގައި ކަންކަން ހިނގި ގޮތުގެ ބައެއް ވާހަކަތައް ހާމަކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ, ޔާމީން ހައްޖަށް ވަޑައިގެންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވިތަނުން ފިނިފެންމާ ލޯންޗް ގޮއްވާލުމުގެ ހާދިސާގައި އެކަމުގައި އުސޫލުތަކާއި ހިލާފަށް އަމަލުކުރިކަމުގެ ތުހުމަތުގައި ދެ އަހަރަށް ޖަލަށްލި އޭރުގެ ކޮމާންޑަރު ކެޕްޓަން އަޙްމަދު ފަޔާޒު ޢަލީ ރިޒާ (ޕާޕާ) މެންފަދަ ބޭފުޅުން ޔާމިން އަރިހުގައި ގެންގުޅުއްވާތީ އެ ހާދިސާއާއިމެދު ސުވާލުތަކެއް އުފެދޭ ކަމަށެވެ.

އެގޮތުން އެދުވަހު ލޯންޗު ގޮއްވާލިވަގުތު އެމަނިކުފާނު ބޭރަށް ނުކުމެވަޑައިގެންނެވިތަނުން ބޮޑު ފާލަމާ ދިމާގައި މީހަކު ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރިކަމަށާއި އެ މީހާ ފެންނައިރަށް އެކަންކުރީ އޭނާކަން އެވަގުތު ވެސް އެނގުނު ކަމަށް ޔާމީން ވިދާޅުވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި އެ ދުވަހު ޔާމީން އިޝާރާތް ކުރެއްވީ ޕާޕާއަށް ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޕާޓީގެ ހަރަކާތްތަކުގައި ޔާމީނާއި އެންމެ ގާތުގައި ޔާމީން ސަރުކާރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި އުޅުއްވި ޙުސައިން ވަޙީދު އުޅުއްވާތީ އެކަމާވެސް ޢަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ޙުސައިން ވަޙީދަކީ އޭރު ހަ މަސް ވަންދެން އިންޓެލިޖެންސް ރިޕޯޓުތައް ނުދީ ހުރި މީހެއްކަމަށެވެ.

އެހެންކަމުން މިހާރު ޔާމީންގެ އަމަލުތައް ހުރިގޮތުންނާއި އަރިހުގައި ގެންގުޅޭ މީހުންގެ ގޮތުން އެދުވަހުގެ އެ ހާދިސާއަކީ އެއީ ޔާމީން އަމިއްލަފުޅަށް ކުޅުއްވި ޑްރާމާއެއް ނޫންބާއޭ މިހާރު ހިތްޕުޅަށް އަރާވަޑައިގަންނަވާކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން